ޗައިނާގެ ރަށްފުށުގެ ބައެއް ހިސާބުތަކުގެ ބޭންކްތަކުގައި ހިފަހައްޓާފައިވާ މީހުންގެ ޑިޕޮސިޓްތަކާ މެދު އާންމުންގެ ރުޅިވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޗައިނާގެ ބޭންކް ރެގިއުލޭޓަރުން ވަނީ، ފަގީރު ބެންކުތަކަށް އެހީތެރިވާނެ ކަމަށް ބުނެފައެވެ. ޗައިނާގެ އިގުތިސޯދު ހީނަރުވެ، ޕްރޮޕަޓީ މާކެޓަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ބެންކުތަކުގެ ބެލެންސް ޝީޓްތައް އިތުރަށް ގޯސްވަމުންދާ ކަމަށް ދައްކައެވެ. އަދި އެތައް ހާސް ކުދި ބޭންކްތަކަށް ކެޕިޓަލް ބަފަރތައް އިތުރުކުރާނެ ކަމަށް ބެންކިންގެ ދާއިރާގެ ރެގިއުލޭޓަރު ވަނީ ވައުދުވެފައެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ ހައިނާން ފަދަ މެދުތެރޭ ސަރަހައްދުތަކުގައި މުޒާހަރާތައް ހޫނުވެފައި މިވަނީ، އެ ސަރަހައްދުގެ ގިނަ ރަށްފުށުގެ ހިސާބުގެ ބޭންކްތަކެއްގައި އެތައް ހާސް މީހުން ޑިޕޮޒިޓްކޮށްފައިވާ ފައިސާ ބެންކުތަކުން ނުނެގިގެންނެވެ.

ޗައިނާއިން މަސައްކަތް ކުރަނީ އެގައުމުގައި އިޖުތިމާއީ ހަމަޖެހުން ނަގާލައި މީހުން ދެކޮޅުވެރިވުމާއި މޯގޭޖް ކޮށްފައިވާ ތަންތަނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދެކޮޅު ހެދުން ފަދަ މައްސަލަތައް ބޭންކު އެކައުންޓްތައް ފްރީޒް ވުމުން ބޮޑު ވެގެން ހިނގައިދާނެތީ އެކަން ކޮންޓްރޯލު ކުރާށެވެ.

ޗައިނާ ބޭންކިން އެންޑް އިންޝުއަރެންސް ރެގިއުލޭޓަރީ ކޮމިޝަން (ސީބީއައިއާރްސީ) އިން ބޭންކްތަކަށް އިލްތިމާސް ކޮށްފައި ވަނީ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް ލޯނު ސަޕޯޓް އިތުރުކޮށް ދިނުމަށެވެ. އަދި ނުނިމި ހުރި މަޝްރޫއުތައް ނިންމުމަށް ބޭނުންވާ ފައިސާ ދިނުމަށާއި މީހުން މޯގޭޖު ފައިސާ ދެއްކުމާ ދެކޮޅު ހަދަން ޖެހޭފަދަ ހާލަތަކަށް ކަންތައް ނުގެންދިއުމަށެވެ.

ޗައިނާގައި ރިއަލް އެސްޓޭޓް ކުންފުނިތަކަށް އިމާރާތްތަކުގެ ނިންމުމުގެ ކުރިން ގެދޮރު ވިއްކުމުގެ ހުއްދަ ލިބެއެވެ. އަދި ކަސްޓަމަރުންނަށް އާ އިމާރާތަށް ވަނުމުގެ ކުރިން ތަނަށް ފައިސާ ދައްކަން ފަށަން ޖެހޭނެ އެވެ. މި ފައިސާތައް ޑިވެލޮޕަރުން ބޭނުން ކުރަނީ ކޮންސްޓްރަކްޝަން މަސައްކަތަށް ހަރަދު ކުރާށެވެ.

އާންމުން ޕޭމަންޓް ނުދައްކާން ދެކޮޅު ހެދުމުން ޕްރޮޕަޓީ ޑިވެލޮޕަރުންގެ މެދުގައި ފައިސާގެ ދަތިކަން ކުރިމަތިވެ، މަޝްރޫއުތަކެއް ލަސްވެ ނުވަތަ މަޑުޖެހިފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެ އެވެ.

ޗައިނާގެ އެންމެ ބޮޑު ޕްރޮޕަޓީ ޑިވެލޮޕަރ ވަނީ މިދިޔަ އަހަރު އެކުންފުނީގެ ދަރަނި އަދާކުރުމުގައި ޑިފޯލްޓްވެފައެވެ. އަދި އެއަށްފަހު އިތުރު ގިނަ ކުންފުނިތަކަކުން ދަނީ ކްރެޑިޓަރުންގެ ކިބައިން ލުއިތައް ހޯދަމުންނެވެ.

ޗައިނާގައި ގޯތި ގެދޮރުގެ އަގުތައް ވެސް ދަނީ ވެއްޓެމުންނެވެ. ޕްރޮޕަޓީތައް ގަންނާނެ ބަޔަކު ނުވުމުން ދަނޑުވެރި ހޭނާން ޕްރޮވިންސްގައި ގޮދަނާއި ލޮނުމިދުވެސް ޑައުންޕޭމަންޓަށް ބަލައި ގަންނާނެ ކަމަށް އިޝްތިހާަރު ކޮށްފައި ވެއެވެ.

ޝަންހާއީގެ ރިސާޗް ފާމެއް ކަމަށްވާ ޗައިނާ ރިއަލް އެސްޓޭޓް އިންފޮމޭޝަން ކޯޕަރޭޝަނުން އެއްކޮށްފައިވާ ދައުލަތުގެ މީޑިއާގެ ގިނަ ރިޕޯޓްތަކާއި ޑޭޓާއިން ދައްކާ ގޮތުގައި 18 ޕްރޮވިންސަކާއި 47 ސިޓީއެއްގައި ޕްރޮޕަޓީ ގަންނަ ފަރާތްތަކުން ފައިސާ ދެއްކުން ހުއްޓާލާފައިވާ ކަމަށް ސީއެންއެން އިން ބުނެއެވެ.