މެރިޓައިމް ސެކިއުރިޓީއާގުޅޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސްރިލަންކާއަށް ވަޑައިގެންފިއެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ، އެކަމަނާގެ ދަތުރުފުޅަކީ ސްރިލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "އެން.އެސް.އޭ ލެވަލް މީޓިންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

މިނިސްޓަރ މާރިޔާ ސްރީލަންކާއަށް އިއްޔެ ވަޑައިގެންނެވުމުން އެ ޤައުމުން މިނިސްޓަރަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ނޭވީ ކޮމާންޑަރ ވައިސް އެޑްމިރަލް ނިޝަންތަ އުލުގެޓެންނެވެ.

މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 27 އިން 28 އަށެވެ. އަދި މިއީ ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ އިތުރުން، އަވަށްޓެރި އިންޑިއާއާއި ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.