އިންޑިއާގެ ފިލްމީ ތަރި އަދި މޮޑެލް ނެހާ ދުޕިއާ އާއި އޭނާގެ ފިރިމީހާ އަންގަތް ބެޑީ ދެ ދަރިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

ފެމިނާ މިސް އިންޑިއާ 2002 ކާމިޔާބުކުރި ނެހާ ދުޕިއާ ހަނީމޫނަށްވެސް އައީ ރާއްޖެއަށެވެ. 2018 ވަނަ އަހަރު މޭ މަހު އަންގަތް ބޭދީ އާއި ކައިވެނި ކުރުމަށް ފަހު ހަނީމޫނު މަންޒިލަކަށް ހެދީ ދިވެހި ރާއްޖެއެވެ.

މިފަހަރުވެސް ނެހާގެ ދެމަފިރިން ރާއްޖެ އައިސް، އެމީހުންގެ 3 އަހަރުގެ އަންހެން ދަރިފުޅު މެހެރް ދުޕިއާ ބެޑީ އާއި ހަގު ފިރިހެން ދަރިފުޅު ގްރިކް ސިންގް ދުޕިއާ ބެޑީއާއެކު އުފާވެރި ޗުއްޓީއެއް ހޭދަކުރަމުންދާކަމަށް އިންޑިއާގެ ނޫސްތަކުގައި ވެއެވެ.

ނެހާގެ އިންސްޓަރގްރާމްގައި އެ ދެމަފރިންނާއި ދަރިން ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކުރަމުން އެބަ ގެންދެއެވެ. މިގޮތުން ހިއްސާކުރި އެއް ވީޑިއޯއެއްގައި އެ ދެމަފިރިން ދެކުދިން ގޮވައިގެން ރިސޯޓްގައި ނަށަމުންދެއެވެ. މިވީޑިއޯގެ ދަށުގައި ލިޔެފައިވަނީ " އަހަރެމެނަށް ކޮންމެ ދުވަހަކު ހެނދުނު މިގޮތަށް ހޭލެވޭނެތަ" މިހެނެވެ. މި ޢިބާރާތުން ދެހަވަނީ ނެހާ ރާއްޖެއާމެދު ޝަޢުގުވެރިކަން ހުރި މިންވަރެވެ.

އަންގަތް ބޭޑީ ވެސް އެ ދެމަފިރިންގެ އަހަރު ނުވާ ކުޑަ ދަރިފުޅުގެ އިނގިލީގައި ހިފަހައްޓައިގެން ރިސޯޓުގެ ގޮނޑުދޮށުގައި ލަވަކިޔަމުން ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށްފައި ވެއެވެ.

ނެހާ ދުޕިއާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ޤަޔާމަތު" 2003 "ޝޫޓް އައުޓް އެޓް ލޯކަންޑް ވާލާ" 2007 ފަދަ ފިލްމުތައް ހިމެނެއެވެ. ފިލްމު ކުޅުމުގެ އިތުރަށް ނެހާ އަކީ ޓީވީ ރިއަލިޓީ ޝޯތަކާއި، ޓީވީ ޕްރޮގްރާމުތައް ހުށައަޅައިދޭ ފަންނާނެކެވެ. އަދި އޭނާ އަކީ ބިއުޓީ ބްރޭންޑެއްގެ ވެރިއެއްވެސް މެއެވެ.