ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައި، ކަމާ ބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވައިފިއެވެ.

ގައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ދަރުމަވަންތަ ހަސްފަތާލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް 23 އޭޕްރީލް 2024 ގައި ފޮނުއްވި ސިޓީއާއި ގުޅިގެން، ރައީސް އެދިވަޑައިގަތުމުގެ މަތީން، މިދިޔަ މަހު 26ގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރުވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވަަވައިފައެވެ. މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ވަނީ ދެއްވައިފައެވެ.

ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ސިއްހީ ހިދުމަތުގެ ޙާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމުދަނީއާ ފުދުންތެރިކަމާ ހާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް ވަރަށް އިސްކަން ދެއްވައެވެ.

މިގޮތުން، ގައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހަސްފަތާލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ސިއްހީ އައު ހިދުމަތްތައް މި ދެ ހަސްފަތާލުގައި ތައާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ދަނީ ކުރައްވަމުންނެވެ.

ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެ ކުދީންގެ އުނގެނުމުގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދެވޭގޮތަށް ހަމަޖައްސަވައިދެއްވާފައިވާކަން ހާމަކުރެއްވުމަށް، މިއަދު (9 މެއި 2024ގައި) ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސްގެ މި ނިންމެވުމުގެ ސަބަބުން، ކިޔަވާކުދީންގެ ކަންކަމުގައި، ހާއްސަކޮށް މަތީ ތައުލީމު އުނގެނޭކުދީންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ގައުމީ ޔުނިވަރސިޓީއިން ވަނީ ފާހަގަކުރައްވައިފައެވެ.

އަދި އެ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، މަތީ ތައުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސް އައްސަވާނެކަމާ، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވަން އިސްކަންދެއްވާނެކަމުގެ ޔަގީންކަން އަބަދުވެސް އޮތްކަމަށާ، މިއަދު ރައީސް މި ނިމްމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިއްޖެކަމަށް ވިދާޅުވިއެވެ.