އަލްގައިދާގެ ވެރިޔާ އައިމަން އަލްޒަވާހިރީ އަފްޣާނިސްތާނުގައި ދިރިއުޅެމުންދާކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި އަދި މިނިވަންކަމާއެކު އޭނާ ދިރިއުޅެމުންދާ ކަމަށް އދ އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޑޯން އިން ބުނީ އދ.ގެ އެނަލިޓިކަލް ސަޕޯޓް އެންޑް ސެންކްޝަންސް މޮނިޓަރިން ޓީމުގެ 30 ވަނަ ރިޕޯޓުގައި އަލްޒަވާހިރީ ދިރިހުރި ކަމުގެ ހެއްކެއް ކަމަށް ބަލާފައި ވަނީ އޭނާގެ ޖަމާއަތުން ނެރެފައިވާ ވީޑިއޯ މެސެޖުތަކެވެ.މިރިޕޯޓްގައި ބުނެފައިވާ ކަމަށް ޑޯނުން ރިޕޯޓް ކުރާ ގޮތުގައި އަލްޒަވާހިރީއަށް ހިތްހަމަ ޖެހިލައިގެން އުޅެން ލިބުނީ ތާލިބާނުން އަފްޣާނިސްތާނު ހިފުމުގެ އިތުރުން އަލްގައިދާގެ މުހިންމު އެކުވެރިންގެ ބާރު ތާލިބާންގެ ސަރުކާރުގެ ތެރޭގައި ގަދަކުރުމާ ގުޅިގެންނެވެ.

އދގެ އެނަލިޓިކަލް ސަޕޯޓް އެންޑް ސެންކްޝަންސް މޮނިޓަރިން ޓީމުން ވަނީ އަފްޣާނިސްތާނުގައި އަލްގައިދާ އާއި ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާއި އެނޫންވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ހަރަކާތްތައް ފަހަކަށް އައިސް ހިނގަމުންދާކަން ފާހަގަކޮށްފައެވެ. އަދި އެ ދެ ޓެރަރިސްޓް ޖަމާއަތް އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފަ އެވެ.އެ ކޮމިޓީއަކީ އަލްގައިދާ އާއި ތާލިބާނުން އަދި އައިއެސް ޖަމާއަތުގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ އެކި ފެކްޝަންތަކުގެ ހަރަކާތްތައް މޮނިޓާ ކުރާ ކޮމިޓީއެވެ.

އދގެ އެނަލިޓިކަލް ސަޕޯޓް އެންޑް ސެންކްޝަންސް މޮނިޓަރިން ޓީމުން ނެރުނު ރިޕޯޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ހަރަކާތްތައް ކަވަރުކޮށްފައިވެއެވެ. ނަމަވެސް، މައިގަނޑު ގޮތެއްގައި އޭގައި ތަފްސީލުކޮށްފައި ވަނީ ތާލިބާނުން ހިންގާ އަފްޣާނިސްތާނު، އަލްގައިދާއަށް 'އަމާން ތަނަކަށް' ވެފައިވާ ކަމަށް ބުނެއެވެ.

އަފްޣާނިސްތާނުގައި އަލްގައިދާ އާދަވެގެން ހަރަކާތްތެރިވާ ސަރަހައްދުތައް ހުރީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ދެކުނު އަދި އިރުމަތީ ސަރަހައްދުގައެވެ. ނަމަވެސް ފަހަކަށް އައިސް ފަރަޙަ އަދި ހީރާތު ޕްރޮވިންސަށްވެސް އެމީހުން ފޭދުގެންފައިވާ ކަމަށް ޑޯން ނޫހުން ބުންޏެވެ."އަފްޣާނިސްތާނުގެ ހާލަތު އަދިވެސް އޮތީ ވަރަށް އުދަގޫ ގޮތަކަށް. އަފްޣާނިސްތާނުގައި ގާއިމްވެފައިވާ ޓެރަރިސްޓް ޖަމާއަތްތަކުން ދެކެނީ ތާލިބާނުންގެ އަސްކަރީ ކާމިޔާބީއަކީ އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ޕްރޮޕެގެންޑާ ހިންގުމަށް އެމީހުންނަށް ބާރަކަށް" ރިޕޯޓުގައި ބުނެފައިވެ އެވެ."ރިޕޯޓްތައް ބުނާ ގޮތުން އަލްގައިދާގެ ލީޑާޝިޕުން ތާލިބާނުންނާއެކު އެޑްވައިޒަރީ ރޯލެއް އަދާކުރެއެވެ. އަދި މި ޕާޓީއަކީ ވަރަށް ގާތް ދެ ބައިވެރިނެވެ." ރިޕޯޓުގައި ބުނެފައިވެ އެވެ.އަލްގައިދާ އާއި އައިއެސް އަކީ ބައިނަލްއަގުވާމީ ސުލްހައަށް ތަފާތު އެކި ފެންވަރުގެ ނުރައްކާތައް ކުރިމަތިކުރުވާ ދެ ޖަމާއަތެވެ. އައިސިސްގެ އަފްޣާނިސްތާނުގައި ގާއިމްވެފައިވާ ޗެޕްޓަރަށް ކިޔަނީ އިސްލާމިކް ސްޓޭޓް ޚުރާސާންއެވެ. އަދި އެއީ ކައިރި އަދި މެދު ރާސްތާގައި ސަރަހައްދަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ބެލެވޭ ބައެއް ކަމަށް ޑޯން ނޫހުން ބުންޏެވެ.އަފްޣާނިސްތާނުގެ ރައްޔިތެއް ކަމަށްވާ ސަނާއުالله ޣަފަރީ ނުވަތަ ހަނގުރާމަވެރި ނަމުންނަމަ، ޝަހާބް އަލް މުހާޖިރަކީ 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އިސްލާމިކް ސްޓޭޓް ޚުރާސާން ޗެޕްޓަރުގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ. ނަމަވެސް އައިއެސް ގެ މައި ޖަމާއަތުން ވަނީ އެ ޖަމާއަތުގެ ސަރަހައްދީ އެޖެންޑާ ކުރިއަށް ގެންދިޔުމަށް ޓަކައި ޝެއިޚް ތަމީމް އަލްކުރުދީ ނަމަކަށް ކިޔާ ހަނގުރާމައިގެ ނަމުން ނަމަ، އަބޫ އަހުމަދު އަލްމަދަނީގެ ނަމުން މަޝްހޫރުވެފައިވާ މީހާގެ ލީޑާޝިޕްގައި އަލް ސިއްދީގުގެ ނަމުން ވަކި އޮފީހެއް ގާއިމްކޮށްފަ އެވެ.އދގެ ރިޕޯޓުގައި ބުނެފައި ވަނީ އަފްޣާނިސްތާނަކީ އައިއެސް ފުޅާކުރުމުގެ މައި ފަސްގަނޑެއް ކަމަށެވެ. އަދި އެމީހުން މަސައްކަތް ކުރަނީ ތާލިބާން ހަނގުރާމަވެރިން ނަށް އޮޅުވާލުމުގެ އިތުރުން އެހެން ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިން ރެކްރޫޓްކުރާށެވެ. އަދި މިމީހުން އެ ޖަމާއަތުން ހަނގުރާމަވެރިންގެ ސަމާލުކަން ހޯދައިގަންނަނީ ބޮޑު އަގެއް ދީގެންނެވެ.