މީހާރު ކުރިއަށްދާ ޔުއެފާ ވިމެންސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން މުބާރާތް ބާއްވާ ގައުމު އިންގްލެންޑާއި މުބާރާތުގެ ތާރިހުގައި އެންމެ ކާމިޔާބު ގައުމު ޖަރުމަނު ރޭ ޖާގަ ހޯދައިފިއެވެ.
މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ އިންގްލެންޑް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާފައިނަލުގައި ވަރުގަދަ ސްޕެއިނުގެ މައްޗަށް ފަހަތުން އަރައި 2-1 އިން ކުރި ހޯދައިގެންނެވެ. ސްޕެއިނުން މެޗުގެ 54 ވަނަ މިނެޓުގައި ލީޑް ނަގާފައި ވަނިކޮށް އިންގްލެންޑުން އެގައުމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ އެންމެފަހު 10 މިނެޓުގެ ތެރޭގައެވެ. މިމުބާރާތުގައި ސްޕެއިނަށް އެންމެ ބޮޑަށް މައްސަލަ ދިމާވީ މުބާރާތް ފެށެން ކައިރިވެފައި ވަނިކޮށް ތަޖުރިބާކާރު އެޓޭކިންގ މިޑްފީލްޑަރު އަދި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ޕުޓެލަސްއަށް އަނިޔާވެ 6 މަހެއްހައި ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ.
މުބާރާތް 8 ފަހަރު ކާމިޔާބު ކޮށްފައިވާ ޖަރުމަނުން ސެމީގެ ޖާގައެއް ހޯދީ އޮސްޓްރިއާ 2-0 އިން ބަލިކޮށްފައެވެ. ލަނޑުތައް ކާމިޔާބު ކޮށްދިނީ ލީނާ މަގުލް އާއި އެލެގްޒެންޑްރާ ޕޮޕްއެވެ.
ސެމީގައި އިންގްލެންޑް ބައްދަލު ކުރަން ޖެހޭނީ ސްވިޑަން ނުވަތަ ބެލްޖިއަމްއާއެވެ. މިދެގައުމު ބައްދަލު ކުރާ ކުއާޓާފައިނަލް މެޗް މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައި ފަށާނެއެވެ. ސެމީގައި ޖަރުމަނާއި ދެކޮޅަށް ނިކުންނާނީ ފްރާންސް ނުވަތަ އެންމެފަހުގެ ޗެމްޕިއަން ނެދަލޭންޑްސްއެވެ. ފްރާންސާއި ނެދަލޭންޑްސް ބައްދަލު ކުރާ ކުއާޓާފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ ދަންވަރު 12:00 ގައެވެ.