ތާލިބާނުން އާ ފަތުވާއެއް ނެރެފިއެވެ. އޭގައި ބުނެފައި ވަނީ "އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓްސް" ގެ އިލްމުވެރިންނާއި ސަރުކަރު މުވައްޒަފުންނާ ދެކޮޅަށް ހަގީގަތާ ޚިލާފްވާހަކަ ދައްކާ މީހުންނަށް އަދަބު ދޭނެ ކަމަށް ބުނެ އެވެ.ވޮއިސް އޮފް އެމެރިކާ (ވީއޯއޭ) އިން ރިޕޯޓްކުރާ ގޮތުގައި ތާލިބާނުންގެ ތަރުޖަމާނު ޒަބީއުالله މުޖާހިދު ވަނީ އެމީހުންގެ ލީޑަރު މުއްލާ ހިބަތުالله އަޚުންދްޒާދާ ނެރުއްވިކަމަށް ބުނާ އާ "އިރުޝާދުތަކެއް" ޝާއިއުކޮށްފައެވެ. އެ ކަންކަން ތަންފީޒު ކުރުމަކީ ރައްޔިތުންނާއި މީޑިއާގެ ޒިންމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ތާލިބާނުންގެ އެންމެ އިސް ލީޑަރު އަޚުންދްޒާދާގެ އާ ފަތުވާއާ އެއްގޮތަށް، ތާލިބާން ސަރުކާރުގެ މުވައްޒަފުންނާ މަސްއޫލުވެރިންނާ ދެކޮޅަށް ހަގީގަތެއް ނެތް ތުހުމަތުތައް ހުއްޓާލުމަށް އާންމުންނަށް އަންގާފައިވެއެވެ.އެ އިއުލާނުގައި ހަގީގަތާ ޚިލާފު ފާޑު ކިޔުމަކީ ކޮބައިކަން ބަޔާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާއާއި ޓީވީ ބަހުސްތަކުގައި، ތާލިބާނުންގެ ސަރުކާރުގެ އަމަލުތަކާ މެދު ބައެއް މީހުންނާއި ތަޖުރިބާކާރުން ފާޑު ކިޔާފައި ވެއެވެ. ހާއްސަކޮށް އަންހެން ކުދިންގެ ތައުލީމު ހުއްޓުވުމާއި އަންހެނުންނާއި އިންސާނީ ހައްގުތަކަށް ހުރަސް އެޅުވުމުން ތާލިބާނުންގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިއެވެ.އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކާއި މީޑިއާތަކުގެ ރިޕޯޓްތަކަށް ބަލާއިރު، ތާލިބާނުން ވަނީ "ސޯޝަލް މީޑިއާގައި ފާޑު ކީ ބައެއް މީހުން ހައްޔަރުކޮށް، ޖަލަށްލައި، އަނިޔާކޮށްފަ" އެވެ.ތާލިބާނުންގެ ލީޑަރުގެ އާ އިރުޝާދުތަކުގައި ބުނެފައި ވަނީ މިފަދަ އަމަލުތަކަކީ "ނޭދެވޭ ޕްރޮޕެގެންޑާ" ކަމަށާއި އަދި މިއީ "ނޭނގި ތިބެ ދުޝްމަނުންނަށް އެހީތެރިވެދޭ" އަމަލުތަކެއް ކަމަށް ބުނެފައެވެ.