އިންޓެލެކްޗުއަލް ޕްރޮޕަޓީ ރެސްޓްރިކްޝަންތަކަށް ލުއިދޭ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޭ) އިން މައާފު ދިނުމާ ގުޅިގެންވެސް ޕާކިސްތާންގައި ޓެކްނޮލޮޖީ ނެތުމުން ޕާކިސްތާނަށް ވެކްސިން އުފެއްދުމުގައި ދަތިތަކެއް އުޅޭނެކަމަށް ޑޯން ނޫހުން ނުބެއެވެ.

ދުނިޔޭގެ ވިޔަފާރި ޖަމުއިއްޔާ އިން ވެކްސިންގެ ފިކުރީ ހައްގަށް ލުޔެއް ދިނުމުން ގައުމުތަކަށް އަމިއްލައަށް ވެކްސިން އުފެއްދުމަށް ފުރުސަތު ފަހިވެގެންދެއެވެ.

ޕާކިސްތާންގެ ޔުނިވާސިޓީ އޮފް ހެލްތު ސައިންސަސް (ޔޫއެޗްއެސް)ގެ ވައިސް ޗާންސެލަރު ޑރ ޖާވިދު އަކްރަމް ވިދާޅުވީ، އެންމެ ފަހުގެ ވައްތަރުގެ ވެކްސިން އުފެއްދުމަށް ބޭނުންވާ ވައްތަރުގެ ބަޔޯޓެކްނޮލޮޖީ ޕްލާންޓްތައް ޕާކިސްތާނުގައި ނެތް ކަމަށެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ހެލްތު ސާވިސަސްގެ އިސް އޮފިޝަލަކު ވިދާޅުވީ، އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) މާފުކުރުމާ ބެހޭ ޑަބްލިއުޓީއޯ އެއްބަސްވުމުގެ ސަބަބުން "ޕާކިސްތާނަށް ރަނުގެ ފުރުސަތެއް" ލިބުނު ކަމަށެވެ.

ޓްރިޕްސް މާފު ކުރުމުގެ ޕްރޮޕޯސަލް ދުނިޔޭގެ ވިޔަފާރި ޖަމުއއްޔާއަށް އިންޑިއާ އާއި ސައުތު އެފްރިކާ އިން ހުށަހެޅީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި، ޕެޓެންޓް އަދި އެހެނިހެން އިންޓެލެކްޗުއަލް ޕްރޮޕަޓީ ގެ ހުރަސްތައް ވަގުތީގޮތުން މަޢާފުކޮށްދިނުމަށްވެސް މީގައި ނިންމާފައި ވެއެވެ.