އިންޑިއާގެ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ އެއް ޔުނިވަރސިޓީ ކަމުގައިވާ އައިއައިޓީ މެޑްރާސްގެ ގޮތްޕެއް ޓެންޒޭނިއާގައި ހުޅުވުމަށް އެގައުމުގެ ސަރުކާރުން ހުށަހަޅައިފިއެވެ. އައިއައިޓީ މެޑްރާސް އިން ދަނީ ޓެންޒޭނިއާ އާއި އަދިވެސް އިތުރު އެތައް ގައުމަކުން އޮފްޝޯ ކެމްޕަސްތައް ހުޅުވުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އައިޓީން ބުނާ ގޮތުން އެފްރުކާގެ ގައުމުތަކުން ހުށަހަޅާފައި ވަނީ އެމީހުންނަށް މުހިންމު ދާއިރާތަކުން ތަމްރީނު ހޯދުމަށެވެ. އެގޮތުން މައުދަން ނެގުމުގެ މަސައްކަތަށް އެފްރިކާއިން ޚާއްސަ ތަމްރީނަށް އެދިފައި ވެއެވެ.
ނޭޕާލަކީވެސް އައިއައިޓީއެއް ހުޅުވައި ދިނުމަށް އެދިފައިވާ ގައުމެކެވެ. ނޭޕާލުން ސަމާލުކަން ދީފައި ވަނީ ހަކަތައިގެ ނިޒާމުތަކާ ގުޅޭ ކޯސްތަކަށް ހިންގުމަށެވެ.
އޭގެ އިތުރުން ޑޭޓާ ސައިންސްގެ ކޯސްތަކާއި އާޓިފިޝަން އިންޓެލިޖެންސްފަދަ ކުރިއަރާފައިވާ ދާއިރާތަކުން ކޯސްހިންގުމަށް ގައުމުތަކުން ހުށަހަޅާފައި ވެއެވެ.
ލަންކާއަކީވެސް އައިއައިޓީއެއް ހިންގުމަށް ހުށަހަޅާފައިވާ ގައުމެކެވެ.
އައި.އައި.ޓީ ކައުންސިލްގެ ސްޓޭންޑިންގ ކޮމިޓީން ވަނީ މިކަމާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ކަމާ ބެހޭ ފަރާތަށް ހުށަހަޅާފައެވެ. އިންޑިއާގެ މުއައްސަސާތަކުގެ އޮފްޝޯ ކެމްޕަސްތައް ހުޅުވުމަށް އެދި ހުށަހެޅި ބައެއް ގައުމުތަކުގައި މާކެޓް ޑިމާންޑް އޮތް މިންވަރު ދިރާސާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެންމެ ފުރަތަމަ އައިއައިޓީ އެއް އިންޑިއާއިން ހުޅުވާނީ ޑުބާއީގައެވެ.