ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކުސައާ ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އާއި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކުސަ ބޭއްވެވި ބައްދަލުކުރެއްވުމުގައި ސްރީލަންކާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އާއި ދިވެހި ރައްޔިތުންގެ ފަރާތުން މިނިސްޓަރ މާރިޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ދެ ޤައުމު ގުޅިގެން ޑިފެނސް ކޯޕަރޭޝަންގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމާއި ކޯވިޑް-19އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ މޭޖަރ ޖެނަރަލް ރިޓަޔަރޑް ކަމަލް ގުނަރަޓަނެ އާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވެސް ދެ ޤައުމުގެ ދެމެދުގައި ވާ ގާތްގުޅުމާއި އެއްގޮތް ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

4 ވަނަ "އެން.އެސް.އޭ ލެވަލް މީޓިންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން"ގެ ބައްދަލުވުމަކީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ ފުރަތަމަ މެރިޓައިމް ސެކިއުރިޓީއާގުޅޭ ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ އިތުރުން، އަވަށްޓެރި އިންޑިއާއާއި ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރައްވާނެއެވެ. މި ބައްދަލުވުމުގެ އޮބްޒަރވަރުންގެ ތެރޭގައި ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނެއެވެ.