އިނގިރޭސި ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ، ޗައިނާގެ ހިއްސާ އޮންނަ ސޯޝަލް މީޑިއާ ކުންފުނި ޓިކްޓޮކް ފަދަ ކުންފުނިތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަން ލިޒް ޓްރިސް ވެވަޑައިގެންނެވި ވައުދަކީ ޒިންމާދާރުކަން ކުޑަ ވައުދެއް ކަމަށް ބުނެ ޗައިނާއިން ރައްދު ދީފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޒާއޯ ލިޖިއާން، ރައްދު ދެއްވީ، ޔޫކޭގެ ކުރީގެ ޗާންސެލަރ ރިޝީ ސުނަކްއާއެކު ހޯމަ ދުވަހު ޓްރިސް ބޭއްވެވި ފުރަތަމަ ބަހުސްގައި ޓްރިސް ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވަމުންނެވެ.

އިނގިރޭސި ބޮޑުވަޒީރުކަމަށް ބޮރިސް ޖޯންސަންގެ ފަހުން ވާދަކުރެއްވުމަށްޓަކައި ސުނަކްއާ ޓްރިސް ވަނީ ހީމަ ދުވަހު ޓީވީ ބަހުސެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ފޮރިން ސެކްރެޓަރީ ޓްރިސް ވަނީ އެ މަގާމު އޭނާއަށް ކާމިޔާބު ކުރެވިއްޖެނަމަ ޗައިނާ ހިއްސާވާ ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"އެ ބާވަތުގެ ކުންފުނިތަކާ މެދު އަޅުގަނޑުމެން ހަމަ ކޮންމެހެން ވެސް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ، އަދި ޚުދުމުޚުތާރު ނިޒާމުތަކަށް ޓެކްނޮލޮޖީ އެކްސްޕޯޓް ކުރާ މިންވަރު ލިމިޓް ކުރަން ޖެހޭ،" ބީބީސީ ޓީވީގައި ހޯމަ ދުވަހު ކުރިއަށް ދިޔަ ބަހުސްގައި ޓްރިސް ވިދާޅުވި އެވެ.

ޗައިނާއިން ވަނީ މި ވާހަކަތަކަށް ހަރުކަށި ރައްދެއް ދީފައެވެ. "ޗައިނާއާ ގުޅިގެން ބަހުސްގައި އެ ބޭފުޅުން ދެއްކެވި ވާހަކަތަކާ މެދު ހިތާމަކުރަން، އަދި އެފަދަ ވާހަކަތަކާ އަޅުގަނޑުމެން ވަރަށް ބޮޑަށް ދެކޮޅުހަދަން،" ބެއިޖިންގައި އޮތް ނިއުސް ބްރީފިންއެއްގައި ޒާއޯ ވިދާޅުވި އެވެ. "އަޅުގަނޑު އިނގިރޭސި ބައެއް ސިޔާސީ ބޭފުޅުންނަށް ސާފުކޮށްދޭން ބޭނުން ވަނީ ޗައިނާއާ ބެހޭ ގޮތުން ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ދައްކައި ޗައިނާ މާބޮޑު ބިރެއްކަމަށް ދެއްކުމަކުން އެބޭފުޅުންގެ އަމިއްލަ މައްސަލަތަކަށް ހައްލެއް ނުހޯދޭނެ ކަން."

ޒާއޯ ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރަކު ހޮވުމުގެ މައްސަލައަށް ޗައިނާއިން އެއްޗެއް ނުބުނާނެ ކަމަށެވެ. އެއީ އެޕާޓީގެ އެތެރޭގެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ޓެކް ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ ހިއްސާ އޮންނަ މަޝްހޫރު ވީޑިއޯ ޝެއާކުރާ އެޕް ޓިކްޓޮކްއާ ބެހޭ ގޮތުން ޓްރިސް ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ވާދަވެރިންގެ މެދުގައި ބަހުސަކަށް ވެފައި އޮތީ ކުރިން ޗައިނާއާ މެދު ގެންގުޅުނު ސިޔާސަތަށް ފާޑު ކިޔުމެވެ.