ޓައިވާން ވައިގެ ސިފައިން އަސްކަރީ ޑްރިލްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ޗައިނާއިން މި ދުވަސްވަރު ދެމުންދާ އިންޒާރުތަކާއި ޓައިވާންގެ ދިފާއީ ފިޔަވަޅުތަކާ ސީދާ ގުޅުމެއް ނެތް ނަމަވެސް، ޓައިވާން ކަނޑު އޮޅީގައި އަލުން ކާރިސާއެއް ހިނގައިފާނެ ކަމުގެ އިޝާރާތެއް ބެއިޖިންގއިން ވަނީ ދީފައެވެ.

ވެރިރަށް ޓައިޕޭގައި ވައިގެ ހަމަލަތަކާ ގުޅޭ ރެއިޑް ސައިރަންގެ އަޑު ގަދަކޮށްފައިވއެވެ. މި ތަމްރީންތަކުގައ އެއްގަމު ސިފައިންނާއި ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންވެސް ބައިވެރިވެފައި ވެއެވެ.

ޓައިޕޭގައި މެންދުރުގެ ކެއުން ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސައިރަން ތަކުގެ އަޑުތައް ގުގުމައިގެން ދިޔައެވެ. އަދި ފުލުހުން ވަނީ މީހުން ރައްކާތެރި ތަންތަނަށް ދިއުމަށް އިރުޝާދުދީފައެވެ. މަގުތައް ހުސްވެ، ފިހާރަތައް އޮތީ ބަންދުކޮށްފައެވެ.

ޓައިޕޭގެ މޭޔަރު ކޯ ވެން-ޖެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައި ޗައިނާގެ ސިފައިންގެ މަތިންދާ ބޯޓްތަކުން ޓައިވާނަށް ވަރަށް ގިނައިން ފުރައްސާރަކޮށްފައިވާ ކަމަށާއި އަދި ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު މިއަހަރުގެ ފެބްރުއަރީ މަހު ހަނގުރާމަ ފެށުނުފަހުންވެސް އެފަދަ ކަންކަން ޗައިނާއިން ހިންގާފައިވާ ކަމަށެވެ.

މޭޔަރ ވިދާޅުވިގޮތުގައި ހަނގުރާމައެއް ފެށިދާނެތީ އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބެން ޖެހޭނެ ކަމަށެވެ.