ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސްގެ ހެޓްރިކާއެކު 6-0 އިން ސްޕެއިނުގެ ސެވިއްޔާ ބަލިކޮށް އާސެނަލްއިން އެމިރޭޓްސް ކަޕް ކާމިޔާބު ކޮށްފިއެވެ.

ޖީސަސްގެ އިތުރުން ދެން އާސެނަލްއަށް ލަނޑު ޖަހައިދިނީ ބުކަޔޯ ސަކާ (ދެލަނޑު) އާއި ފޯވާޑް އެޑީ ކެޓިއާއެވެ. ސެވިއްޔާއިން ވަރުގަދަ ސްކޮޑެއް ނެރުނު މިމެޗުގައި އެޓީމަށް އާސެނަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މިއީ މެންޗެސްޓަރ ސިޓީއިން އާސެނަލްއަށް ޖީސަސް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ވިއްކާލިފަހުން އޭނާ އެމިރޭޓްސް ސްޓޭޑިއަމް (އާސެނަލްގެ ދަނޑު) ގައި ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. މިމެޗުގައި އާސެނަލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މިސީޒަނަށް އެޓީމުން ކެޕްޓަނަކަށް ހަމަޖައްސާފައިވާ ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑެވެ.

އާސެނަލްއިން 2007 އިން ފެށިގެން ޕްރިސީޒަން މުބާރާތެއްގެ ގޮތުގައި ބާއްވަމުން އަންނަ އެމިރޭޓްސް ކަޕުގައި މިފަހަރު ވާދަކުރީވެސް ސެވިއްޔާ އެކަންޏެވެ. މުބާރާތް ބާއްވަން ފެށިތާ ކުރީކޮޅު ބަޔާން މިޔުނިކާއި ރެއާލް މެޑްރިޑްފަދަ ޔޫރަޕުގެ ވަރުގަދަ ބާރުތައް ކުޅުނު ނަމަވެސް މިހާރު މިމުބާރާތުގައި ވާދަކުރަނީ ޔޫރަޕުގެ މެދު ފަންތީގެ ކްލަބުތަކެވެ.