މާލޭ ވަރުނުލާ ރާޅުގަނޑުގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ އޯޕަން ފިރިހެން ކެޓަގަރީއިން ދުނިޔޭގެ މަތީ ފަންތީގެ ބޯޑަރުންނާ ވާދަކޮށް ހީޓުގެ އެއްވަނަ ހޯދައި ރާއްޖޭގެ އަލީ ޝާމް ރާފިއު މުބާރާތުގެ ތިންވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ހީޓް ތިނެއްގެ އެއްވަނަ ޝާމް ހޯދީ ދުނިޔޭގެ ރޭންކިންގައި ހިމެނޭ ފްރާންސްގެ ފަބިއަން ތަޒާ އާއި ދެކުނު އެފްރިކާގެ ރޮބަޓް ބާމަންއާ ވާދަކޮށެވެ. މީގެ އިތުރުން ދެން މިހީޓުގައި ވާދަކުރީ ރާއްޖޭގެ އީނާޝް ނައީމްއެވެ. ޝާމް މިހީޓުން އެއްވަނަ ހޯދީ 13.00 ސްކޯއެއް ހޯދައިގެންނެވެ. 12.75 ގެ ސްކޯއަކާއެކު ދެވަނައަށް ދިޔައީ ފްރާންސްގެ ތަޒާއެވެ. 8.80 ސްކޯއަކާއެކު ބާމަންއަށް ތިންވަނަ ލިބުނުއިރު ހީޓުގެ ފުލަށް ދިޔަ ރާއްޖޭގެ އީނާޝްއަށް ލިބުނީ 6.55 ސްކޯއެކެވެ.

މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު ފުރަތަމަ ބުރުގެ ހީޓުތަކުން އެއްވަނަ ހޯދާ ބޯޑަރުންނަށް ތިންވަނަ ބުރުން ޖާގަ ލިބޭނެއެވެ. ބާކީ ތިބި ހުރިހާ ބޯޑަރުން ވާދަކުރަން ޖެހޭނީ ދެވަނަ ބުރުގައެވެ.