މީގެ އިތުރުން، 3 އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލް ކުދިންނަށާއި، ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށް އާރްޓީއެލް ބަހުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.
އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ލ. ގަން (ގުޅިފައިވާ ރަށްތައް) އަދި ލ. އިސްދޫ އާއި ލ. ކަލައިދޫއަށް ބަހުގެ ޚިދުމަތް މިއަދު ދޭން ފަށައިފިިއެވެ.
މިއީ އެމްޓީސީސީން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރާއި އެކު ސޮއިކޮށްފައިވާ 50 އަހަރުގެ ސާރވިސް އެގްރީމަންޓްގެ ދަށުން ފެށި ޚިދުމަތެކެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ވަނީ ކަނޑައެޅިފައިވާ ރަށްތަކަށް މިހާރު ގެންދެވިފައެވެ. އެގޮތުން ލ. އިސްދޫ އާއި ލ. ކަލައިދޫއަށް 2 ބަސް، ލ. ގަމަށް (އަދި ގުޅިފައިވާ ރަށްތައް) 4 ބަސް، ފުވައްމުލަށް ސިޓީއަށް 4 ބަސް، އަދި އައްޑޫ ސިޓީ އަށް 13 ބަސް ވަނީ ގެންދެވިފައެވެ.
ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ފެންވަރު ރަނގަޅު ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ޚިދުމަތުގެ ތެރޭގައި އާރްޓީއެލް ފެރީ އަދި ބަހުގެ ޙިދުމަތް ދިނުން ހިމެނެއެވެ. އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އާރްޓީއެލް ބްރޭންޑުކުރެވިފައިވާ ފެންވަރު ރަނގަޅު އައު 41 ބަސް ވަނީ ރާއްޖެއަށް ގެނެވިފައެވެ. މި ބަސްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބޮޑުމިނާއި ޖާގައިގެ ބަސްތަކެކެވެ. އެއަރ ކޮންޑީޝަން ކުރެވިފައިވާ މި ބަސްތަކުގައި ދަތުރުކޮށްލަން ހިތްފަސޭހަވާނެ ކަމަށް އެމްޓީސީސީންް ބުންޏެވެ. މީގެން ކޮންމެ ބަހެއްގައި އެއްފަހަރާ 20 މީހުންނަށް ދަތުރުކުރެވޭނެއެވެ.
މި ސަރަހައްދުތަކަށް ބަހުގެ ޚިދުމަތް ދިނުމަށް މިއަދު ފެށުނު ނަމަވެސް، 14 އޯގަސްޓް 2022 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނީ ރޫޓުތައް ތަޖުރިބާ ކުރުމުގެ ދަތުރުތައް ކަމަށްް ވެސް އެމްޓީސީސީން ބުނެފައިވެއެވެ. މި މުއްދަތުގައި އަގު ނެގުމަކާއި ނުލާ ބަސްތަކުގައި ދަތުރުކުރެވޭނެއެވެ.
މީގެ އިތުރުން، 3 އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލް ކުދިންނަށާއި، ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށް އާރްޓީއެލް ބަހުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.