ޕާކިސްތާންގެ ހަ ބޭންކަކުން މަނީލޯންޑިންގ ހިނަގާފައިވާ ކަމަށް އިންޓަރނޭޝަނަލް ނޫސްވެރިންގެ ޖަމާއަތަކުން ތުހުމަތުކޮށްފިއެވެ. މި ޖަމާއަތުން ބުނެފައިވާ ގޮތުގައި 2 މިލިއަން ޑޮލަރަށްވާ ފައިސާ މި ހަ ބޭންކުން އަނބުރާފައިވާ ކަމަށެވެ.

އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓްސް (އައިސިއައިޖޭ) އިން ޝާއިއުކޮށްފައިވާ އިންވެސްޓިގޭޝަންގައި ނަން ކިޔާފައިވާ ބޭންކު ތަކަކީ، އޭބީއެލްއާއި ޔޫބީއެލްއާއި ހަބީބް މެޓްރޯއާއި ބޭންކް އަލްފަލާހްއާއި އެސްޗީބީއާއި ހަބީބް ބޭންކް ލިމިޓެޑެވެ.

އައިސީއައިޖޭއަކީ މަނީލޯންޑަރިންގެ މައްސަލަތައް ހޯދައި ދިރާސާ ކުރާ ނޫސްވެރިންގެ ޖަމާއަތެކެވެ.

މިޖަމާއަތުން ތައްޔާރުކޮށްފައިވާ ބޮޑު ރިޕޯޓްގައި ބުނެފައިވަނީ، 1999ން ފެށިގެން 2017އާ ހަމައަށް ދުނިޔޭގައި ދެ ޓްރީލިއަން ޑޮލަރުގެ ވަގު ފައިސާ ބޭންކު ތަކުން ދޮވެ އަނބުރާފައިވާ ކަމަށެވެ.

މި ފައިސާ އަނބުރާފައި ވަނީ 170 ގައުމެއްގައި ކަންވެސް ބުނެފައި ވެއެވެ. މިކަމުގައި ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތައްވެސް ބައިވެރިވާކަމަށް ތުހުމަތުކޮށްފައި ވެއެވެ.

މި ޖަމާއަތަށް ލިބިފައިވާ ޑޮކިއުމެންޓްތަކުން ދައްކަނީ ޝައްކު އުފެދޭފަދަ 29 މުއާމަލާތެއް ޕާކިސްތާނުގެ ބޭންކުތަކުން ހިންގާފައިވާ ކަމަށެވެ.

މިމުއާމަލާތަކުގައި ޕާކިސްތާނަށް 1.9 މިލިއަން ޑޮލަރުގެ ފައިސާ ލިބިފައިވާ ކަމަށާއި އަދި ހަތަރު ލައްކައަށް ވުރެން ގިނަ ޑޮލަރު ބޭރުކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

މިޖަމާއަތުން މި ރިޕޯޓް ހާމަކޮށްފައިވަނީ ފިންސެން ފައިލް ރިޕޯޓްގެ ނަމުގައެވެ. މީގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި ހަތިޔާރުގެ ވިޔަފާރީގައި އަތްތަކުން ފައިސާ ބަދަލުވާ ގޮތް ޑޮކިއުމެންޓް ކޮށްފައި ވެއެވެ.