ރަސްމީ ޕްރޮޓޮކޯލް އެއްފަރާތް ކޮށް އިންޑިއާއިން ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޚާއްޞަ މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް ސޯލިހުއަށް އިންޑިއާއިން ދެންނެވި މަރުޙަބާއަކީ ރަސްމީ ފުރަމާނަ ދަތުރުފުޅުތަކުގައި ދައުލަތުގެ ވެރިންނަށް ދެއްވާ ފަދަ މަރުޙަބާއެކެވެ. އެގޮތުން ރައީސަށް އެއަރޕޯޓްގައި މަރުޙަބާ ދެންނެވުމަށް ސަގާފީ ކުޅިވަރުތައްވެސް ބާއްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ޑްރޫޕަޑީ މުރްމޫއާ ރާޝްތުރަޕަތީ ބަވަންގައި ބައްދަލުކުރެއްވި އެވެ. އެފަދަ ބައްދަލުވުންތަކަކީ އާންމު ކޮށް އޮންނަ ރަސްމީ ބައްދަލުވުންތަކުގެ ބައެކެވެ.

އިންޑިއާގެ ރައީސް ބައްދަލު ކުރެއްވި ފުރަތަމަ ބޭރުގެ އިއްޒަތްތެރިއަކީ ރައީސް ސޯލިހު އެވެ.

ރާޝްތުރަޕަތީ ބަވަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން، އިންޑިއާގެ ރައީސާ ވިދާޅުވީ ސޯލިހުއަކީ އިންޑިޔާގެ ވަރަށް ގާތް ރަޙްމަތްތެރިއެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ފާހަގަކޮށްލެވޭ ލީޑަރޝިޕް ދައްކަވާފައިވާ ބޭފުޅެއް ކަމަށް ވުމުން އެކަމަނާ އުފާފުޅު ކުރައްވާ ކަމުގައެވެ.

އަދި ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮތް އިންޑިއާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަންވެސް ފާހަގަ ކުރެއްވިއެވެ.

އިންޑިއާ ރާއްޖޭގެ ދެ ގައުމުގެ ރައްޔިތުންނަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ސަގާފީ، އިގްތިސޯދީ އަދި ވިޔަފާރީގެ ވަރުގަދަ ގުޅުންތަކެއް އޮތް ދެ ގައުމެވެ. އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީގައި ރާއްޖެއަށް ހާއްސަ ޖާގައެއް ދީފައި ވެއެވެ.