ޕާކިސްތާނުން ބުނީ ބަލޫޗިސްތާން ޕްރޮވިންސްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ވެއްޓުނު އަސްކަރީ ހެލިކޮޕްޓަރެއްގެ ބައިތައް ރެސްކިއު ޓީމުތަކުން ހޯދާފައިވާ ކަމަށާއި އެ ހެލިކޮޕްޓަރުގައި ތިބި ސީނިއާ ހަ އޮފިސަރުން ވެސް މަރުވެފައިވާ ކަމަށެވެ.

ޕާކިސްތާން ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަރުވި މީހުންގެ ތެރޭގައި ރީޖަނަލް ކޯޕްސް ކޮމާންޑަރެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ސަރްފްރާޒް އަލީއާއި، މޭޖަރ ޖެނެރަލަކާއި، ބްރިގޭޑިއަރެއް ހިމެނޭ ކަމަށެވެ.ސިފައިން ބުނީ އަލީއާއި އޭނާގެ ޓީމުން، ޕްރޮވިންސްގެ ވެރިރަށް ކުއެޓާގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ލަސްބެލާ ޑިސްޓްރިކްޓްގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީވުމަށް ހިންގާ އޮޕަރޭޝަންތައް ސުޕަވައިޒް ކުރަމުން ފުރީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭގެ ފަހުން އެ ހެލިކޮޕްޓަރާ އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނު ކަމަށެވެ.ފުރަތަމަ ބަލާ ބެލުމަށް ބަލާއިރު، މި އެކްސިޑެންޓް ހިނގީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ސިފައިން ޔަގީން ކޮށްދެއެވެ. އަދި ފްލައިޓް ވެއްޓުނު ހާދިސާގެ ތަފްސީލީ ތަހުގީގަކަށް ފަހު އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމުގެ ޔަގީންކަން ވެސް ސިފައިން ވަނީ ދީފައެވެ.ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި އެތައް ބަޔަކު މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައިވާ ކަމަށެވެ.މި ގެއްލުންތަކުގެ ސަބަބުން ސިފައިން ވަނީ އެ ޕްރޮވިންސްގައި އެހީ ދިނުމުގެ އޮޕަރޭޝަންތަކަށް ފަށާފައެވެ. އަދި ފެން ބޮޑުވި ސަރަހައްދުގެ އެތައްހާސް ބަޔަކު ރައްކާތެރި ހިސާބަށްގެންގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ. އޭގެ އިތުރުން ސިފައިން ދަނީ އާއިލާތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށްވެސް އެހީ ވަމުން ކަމަށް ސިފައިން ބުނެފައި ވެއެވެ.ޖޫން މަހުން ފެށިގެން ޕާކިސްތާންގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 500 އާ ގާތްކުރާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ޕާކިސްތާނުގައި އާންމު ގޮތެއްގައި ވާރޭ ވެހެނީ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.