ޓައިވާނަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލައްވަމުން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ ވިދާޅުވީ، ދުނިޔޭގެ ލީޑަރުންނަށް ޓައިވާނަށް ދަތުރުނުކުރެވޭ ގޮތަށް ޗައިނާއަށް ހެދިގެން ނުވާނެ ކަމަށެވެ. އަދި އެކަމަނާ ވިދާޅުވީ ހިތާމައަކީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދެކޮޅުހެދުންތަކުގެ ސަބަބުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ފަދަ ޖަމާއަތްތަކުގެ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ޓައިވާނަށް ހުރަސްއެޅިފައިވާކަމަށެވެ.

ބައިނަލްއަގްވާމީ ފޯރަމްތަކަށް ޓައިވާންގެ ލީޑަރުން ފޮނުވުމަށް ޗައިނާއަށް ހުރަސް އެޅިދާނެ ކަމަށް ބއިޖިންގއިން ބުނެފައިވާއިރު، ދުނިޔޭގެ ލީޑަރުން ނުވަތަ އެއްވެސް އެހެން މީހަކު ޓައިވާނަށް ދަތުރުކުރުމަކީ ޗައިނާއަށް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އަދި އެގައުމުގެ ގިނަ ކާމިޔާބީތަކެއް ފާހަގަކޮށް، ޓައިޕެއިގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީއަށް އިހުތިރާމް ކުރުމުގެ ގޮތުން، ބައިނަލްއަގްވާމީ މުޖުތަމައާއެކު ގުޅިގެން މަސައްކަތް ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ޕެލޯސީ ވަނީ ދެއްވާފައެވެ.