ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، ޓައިވާންގެ އައްސޭރިފަށުގެ ސަރަހައްދުގައި ޗައިނާގެ ސިފައިން މީގެ ކުރިން ދުވަހަކުވެސް ކުރިއަށް ނުގެންދާ ފަދަ ވަރުގަދަ ލައިވް ފަޔަރ އެކްސަސައިޒްތަކެއް ފަށައިފިއެވެ.
ޓައިވާންގެ ސިފައިން ބުނެފައިވަނީ "ހަނގުރާމައެއް އިއުލާން ކުރުމަކާ ނުލައި ޗައިނާއިން ހަނގުރާމައަކަށް ތައްޔާރުވަމުން ދަނީ" ކަމަށެވެ.
ޓައިވާންގެ ދިފާއީ ވުޒާރާއިން ބުނީ ޗައިނާގެ ސިފައިން ޓައިވާންގެ އުތުރު އިރުމައްޗާއި ހުޅަނގު ދެކުނުން ކަނޑުގެ ސަރަހައްދުގައި ޑޮންގްފެންގް ސީރީޒްގެ 11 ބެލިސްޓިކް މިސައިލް އުދުއްސާފައިވާ ކަމަށެވެ.
ތައިވާނާ އެންމެ 12 މޭލު ދުރުގައި ބާއްވާ މި ތަމްރީންގެ ފުރަތަމަ މިސައިލް ޓައިވާން ގަޑިން މެންދުރުން އަނބުރާ ދޭއް ޖަހަން އުޅެނިކޮށް ފެނުމާއެކު ޓައިވާނުން ވަނީ އެގައުމުގެ ދިފާއީ ބާރުތައް އެކްޓިވޭޓް ކޮށްފައެވެ.
ޓައިވާންގެ ޚާރިޖީ ވުޒާރާއިން ވަނީ ޗައިނާގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އަދި ޗައިނާއިން ވަނީ އުތުރު ކޮރެއާއިން ގަސްދުގައި އެހެން ގައުމުތަކުގެ ކައިރީ ކަނޑުގެ ސަރަހައްދަށް މިސައިލްތައް ޓެސްޓްކުރުމުގައި އަމަލު ކުރާ ގޮތް ނަމޫނާ އަކަށް ބަލާފައި ކަމަށެވެ. އަދި ޗައިނާގެ އަސްކަރީ އަމަލުތައް ކުށްވެރިކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ޓައިޕޭ ން ވަނީ ގޮވާލާފައެވެ.
ޗައިނާ ސިފައިންގެ އިރުމަތީ ތިއޭޓަރ ކޮމާންޑުން ވަނީ ޓައިވާން ކަނޑުއޮޅީގައި ބޮޑު ސަރަހައްދެއްގައި ލައިވް ފަޔަރ ޝޫޓިންގ ޓްރެއިނިންގ ކުރިއަށް ގެންގޮސްފައިވާކަން އިޢުލާނުކޮށްފައެވެ. އަދި ލަފާކުރެވޭ ނަތީޖާ ތަކެއް ހާސިލް ކުރެވިއްޖެ ކަމަށް ބުންޏެވެ. ނަމަވެސް އެނަތީޖާއަކީ ކޮބައިކަން ސާފު ނުވާ ކަމަށް ރޮއިޓަރޒްއިން ބުންޏެވެ.
ޓައިވާންގެ މަސްއޫލުވެރިއަކު ވިދާޅުވީ ޗައިނާގެ ކަނޑުގެ ސިފައިންގެ 10 ވަރަކަށް ބޯޓު ވަނީ ޓައިވާންގެ ކަނޑުގެ ސަރަހައްދަށް ހުރަސްކޮށްފައި ކަމަށެވެ.
ޓައިވާންއިން އިތުރަށް ބުނީ ޗައިނާގެ ވައިގެ ސިފައިންގެ ގިނަ މަތިންދާ ބޯޓްތަކެއް މިއަދު ހެނދުނު އެތައް ފަހަރެއްގެ މަތިން ދެ ފަރާތް ދެމެދު ވައިގެ ސަރަހައްދު ހުރަސްކުރާ ލައިން ގިރާކޮށް ފައިވާ ކަމަށެވެ. އަދި ތައިވާނުން ޖެޓްތައް އުދުއްސައި މިސައިލް ސިސްޓަމްތައް ބޭނުންކުރަން މަޖުބޫރުވި ކަމަށް ބުންޏެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުނީ މި ޑްރިލްތަކުގައި ޗައިނާއިން ފޮނުވާލި ފަސް މިސައިލް ޖަޕާނުގެ އައްސޭރިފަށުން 200 ނޯޓިކަލް މޭލު ނުވަތަ 370 ކިލޯމީޓަރު ދުރުގައި އޮންނަ އެގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަށް ވެއްޓިފައިވާ ކަމަށެވެ. ވެރިރަށް ޓޯކިޔޯއިން ވަނީ ޗައިނާއާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ.
ޗައިނާގެ ސަރުކާރު ޓީވީން ވަނީ ގިނަ މިސައިލްތަކެއް އުދުއްސާލި މަންޒަރު ދައްކުވައިދޭ ވީޑިއޯ ފުޓޭޖްތަކެއް ދައްކާފައެވެ. މި ފުޓޭޖްގެ ސައްހަކަން އަދި މިނިވަން ކަމާއެކު ކަށަވަރު ކުރެވިފައެއް ނުވެއެވެ.