މިދިޔަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ގެ ބާރު ތައް އަތުލި ފަހުން އަފްޣާނިސްތާނުގައި 200 އަށްވުރެ ގިނަ މީޑިއާގެ އޮޕަރޭޝަންތައް ހުއްޓާލާފައިވެއެވެ. އަދި 7،000 މީޑިއާ މަސައްކަތްތެރިންގެ ވަޒީފާ ގެއްލިފައިވާއިރު، އަފްޣާން އިގުތިސޯދު އަދިވެސް ދަނީ އިތުރަށް ހީނަރު ވަމުންނެވެ.

އަފްޣާނިސްތާނުގެ މީޑިއާގެ ހާލަތު ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް، އަފްޣާނިސްތާނުގެ ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އެންޑް މީޑިއާއިން ބުނީ، މީޑިއާގައި މަސައްކަތްކުރާ މީހުންގެ ހިމާޔަތާ މެދު ބައިނަލްއަގުވާމީ މުޖުތަމައަށާއި ތާލިބާން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސ ްފަރާތަކުން އެއަށް އިޖާބައެއް ނުވަތަ ހައްލެއް ދީފައި ނުވާ ކަމަށެވެ.

މިސާލަކަށް ތަޚަރް ޕްރޮވިންސްގެ މީޑިއާއޮފިޝަލުން ބުނާ ގޮތުގައި، އިގުތިސޯދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން އެ ސަރަހައްދުގެ 13 މީޑިއާގެ ތެރެއިން ނުވަ މީޑިއާއެއް ވަނީ އެއްކޮށް ބަންދުކޮށްފައެވެ.

"މިދިޔަ އަހަރު 544 މީޑިއާގެ ތެރެއިން 218 މީޑިއާ އެއް ބަންދުކުރެވުނު، އަދި 1200 މީޑިއާ މަސައްކަތްތެރިންގެ ތެރެއިން 7000 މީހުންގެ ވަޒީފާ ވަނީ ގެއްލިފައި" އަފްޣާނިސްތާނުގެ ނޫސްވެރިންގެ ފްރީ އެސޯސިއޭޝަންގެ ވެރިޔާ ހުޖަތުالله މުޖައްދިދީ ވިދާޅުވިއެވެ.

އޭގެ އިތުރުން، އިގުތިސޯދު ހީނަރުވުމުން މުވައްޒަފުންގެ މުސާރަ ނުދެވޭ ކަމަށް މީޑިއާގެ ގިނަ މަސްއޫލުވެރިން ޝަކުވާ ކުރައްވައެވެ.