އެމެރިކާގެ ހައުސް ސްޕީކަރ ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާއި، ރައީސް ޝީ ޖިންޕިންގެ ފަރާތްޕުޅުން ބެއިޖިންއިން ދޭ ރައްދުތައް އެކުލަވާލަމުން ގެންދާ ގޮތް އެއީ، ޝީ ޗައިނާގެ ރައީސްކަމުގެ މަގާމުގެ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ ބަލަން ބޭނުން ކުރާ ކްރައިޓީރިއާއަކަށް ވެގެންދާނެއެވެ.ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ޝީއަށް އެމެރިކާއާއިއެކު ނުވަތަ ޓައިވާންގެ މައްސަލާގައި ގުޅުންތައް ބޭއްވެވުމުގައި އެއްވެސް މިސްޓޭކެއް ކުރެއްވުމަކީ މި ދުވަސްކޮޅަށް މުނާސިބު ކަމެއް ނޫނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހަފްތާގައި ޝީ ކޮމިއުނިސްޓް ޕާޓީގެ އުމުރުން ދުވަސްވީ ރިޓަޔަރޑް ބޮޑުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހެބެއި ޕްރޮވިންސްގެ ސީސައިޑް ރިޒޯޓެއްގައެވެ. މިއީ އެހެންވެސް ކޮންމެ އަހަރަކު ޝީ ބާއްވަވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމަކީ، ދާޚިލީ ބޮޑެތި މައްސަލަތަކުގެ ސިޔާސަތު ކަނޑައެޅުމަށް ޗައިނާގެ އެންމެ ދުވަސްވީ ތަޖުރިބާކާރު ބޭފުޅުން ބާއްވަވާ ސިއްރު މަޝްވަރާ މަޖިލީހެކެވެ. މި ބައްދަލުވުން އޮންނާނީ ކުރީގެ ޖީލުތަކުގެ ޗައިނާގެ ވެރިންނާއި ބޮޑެތި މަސްއޫލުވެރިންގެ ދެމދު ނުރަސްމީ މާހައުލެއްގައެވެ.

މިބައްދަލު ކުރެއްވުމުގައި ޗައިނާގެ ކުރީގެ ރައީސް ޖިއާން ޒެމިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސް ޖިއާންގް ޒެމިންއަކީ މީގެ 25 އަހަރު ކުރިން އެމެރިކާއިން ޓައިވާނަށް ވަޑައިގަތް އެންމެ އިސް މަސްއޫލުވެރިޔާ ނިއުޓް ގިންގްރިޗްއާ އެކު ވަރަށް ޙީކުމަތްތެރިކަމާއެކު މުއާމަލާތް ކުރެއްވި ބޭފުޅެކެވެ.

ނިކްޔީ އޭޝިއާގެ ސީނިއާ ސްޓާފް ރައިޓަރެއް ކަމަށްވާ ކަޓްސޫޖީ ނަކަޒާވާ ލިޔުއްވާފައިވާ ގޮތުގައި ޖިއާންގ ފާހަގަވެވަޑައިގަންނަވަނީ އޭނާގެ ދައުރުގައި އެމެރިކާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ފުޅާކުރައްވައި ހިތްވަރު ދެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ކަޓްސޫޖީ އިތުރަށް ވިދާޅުވާ ގޮތުގައި އެމެރިކއާއެކު މިހާރު ފެންމަތިވެފައިވާ މައްސަލާގައި ރައީސް ޝީ އަމަލު ކުރައްވާ ގޮތާއި ޖިއާންގް އަމަލު ކުރެއްވި ގޮތާ މެދު އަޅައި ކިޔާނެ ކަމަށެވެ.