އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަމަށް އައުމަސްފަހު އަދިވެސް އެގައުމުގައި ޖަރީމާތައް ކުރިއަށް ދާ ކަމަށާއި، ހަމަނުޖެހުން ހިންގާ މީހުން އަމަލު ކުރާ ބީދައިން ހަތަރު މީހުންގެ ގްރޫޕަކުން މީހަކު ދިރިހުއްޓާ އަންދާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.މި ޖަރީމާ ހިންގާފައިވާ ހަތަރު މީހުން ވެސް ހައްޔަރުކޮށްގެން އަފްޣާނިސްތާނުގެ ހުޅަނގުގައި އޮންނަ ހެރަތު ޕްރޮވިންސަށް ގެންގޮސްފައިވާ ކަމަށް ތާލިބާނުންގެ ލޯކަލް އޮފިޝަލުން ބުނެ އެވެ.މިމީހުން ހައްޔަރު ކޮށްފައި ވަނީ އެމީހާ ދިރިހުއްޓާ އަންދާލުމުގެ ތުހުމަތުގައި ކަމަށްވެސް ތާލިބާނުން ބުންޏެވެ.

ޚަމާ ޕްރެސްއިން ރިޕޯޓްކުރާ ގޮތުގައި، މި މީހުން ޖަރީމާ ހިންގާފައި ވަނީ ހީރާތު ޕްރޮވިންސްގެ ގުޒާރާ ޑިސްޓްރިކްޓްގައެވެ.

ތާލިބާނުންގެ ލޯކަލް އޮފިޝަލުން ބުނާ ގޮތުގައި އަތުލައިގަތް ކުށްވެރިން ވަނީ އެމީހުންގެ ކުށަށް އިއުތިރާފުވެފައެވެ.

މި ހަފްތާގައި ތާލިބާނުން ދިން ބަޔާނެއްގައި ބުނެފައި އިންސާނީ ހައްގުތަކުގެ ނަމުގައި އަފްޣާނިސްތާނުގެ އަންހެނުންގެ ކަރާމާތަށް އަރައިގަންނަން ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރާ ކަމަށެވެ.

ތުލޫޢު ނިއުސްއިން ރިޕޯޓްކުރާ ގޮތުގައި، އަފްޣާނިސްތާނުގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ފަރިޔާބުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަގުތީ އަމުރު ބިލް މައުރޫފި ވައްނަހީ އަނިލްމުންކަރި މިނިސްޓަރު މުހަންމަދު ޚާލިދު ހަނަފީ ވިދާޅުވީ، އަފްޣާނިސްތާނުން އަންހެނުންގެ ހައްގުތައް ނިގުޅައި ގަންނަކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ތުހުމަތު ކުރާއިރު އެކަން އެންމެ ބޮޑަށް ކުރާ ފަރާތަކީ އެއީ ކަމަށެވެ.