ސްރީލަންކާގައި އިންޑިއާގެ ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުން އިންވެސްޓް ކޮށް ސްރީލަންކާގެ އިޤްތިޞާދު ކޮއްޅަށް ޖެހުމަށް މަސައްކަތް ކުރާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން އިންވެސްޓް ކުރުމަށް ފޯކަސް ކުރާ ދާއިރާތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ، ހައިޑްރޯކާބަން، ޕޯޓް ބިނާ ކުރުން އަދި އިންފްރާސްޓްރަކްޗާ، އައިޓީ އަދި ފަތުރުވެރިކަމުގެ ދާއިރާތައް ހިމެނޭ ކަމަށް ތައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. ސްރީލަންކާގެ ސްޓްރެޓީޖިކް ލޮކޭޝަނާއި އެގައުމުގެ މުއްސަނދި ވަސީލަތްތަކަށް ބަލާއިރު، ސްރީލަންކާގައި މިހާރުވެސް އިންވެސްޓް ކޮށްފައިވާ އިންޑިއާގެ އިންވެސްޓަރުން އެމީހުންގެ އިންވެސްޓްމަންޓްތަކާއި ވިޔަފާރިތައް ނިމުމަކަށް ގެންނަން ބޭނުން ނުވާ ކަމަށް ބުނެފައި ވެއެވެ.ސްރީލަންކާއަކީ އާމްދަނީ ގެ މައިގަނޑު ތިން ވަސީލަތަކީ އެކްސްޕޯޓް، އަދި ފަތުރުވެރިކަމާއި ޓޫރިޒަމް އަދި ބޭރުގައި ތިބޭ ލަންކާ މީހުން ގައުމަށް ފޮނުވާ ފައިސާއެވެ.

ކޮވިޑުގެ ސަބަބުން އޭގެ ތެރެއިން އާމްދަނީ ލިބޭ ބައެއް ވަސީލަތްތައް ވަނީ މުޅިން ހުލިވެގެން ގޮސްފަ އެވެ. ލަންކާގެ އިޤްތިޞާދަށް އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް އިންޑިއާ ސަރުކާރުން ދަނީ އެކަމަށް މަގުފަހިކުރުމަށް މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ ވިސްނުން ހުރީ ދެ އިގުތިސޯދުގެ މެދުގައި އިތުރު ވިޔަފާރިއާއި އިންވެސްޓްމަންޓަށް އިތުރު އެއްބާރުލުން ދިނުމާއެކު ރައީސް ރަނިލް ގެ ސަރުކާރާ އެކު މަސައްކަތް ކުރުމަށެވެ. އިންޑިއާގެ ކަރަންޓު އުފައްދާ ކުންފުނިން ދަނީ ސިލޯން އިލެކްޓްރިސިޓީ ބޯޑާ ގުޅިގެން ޓްރިންކޮމަލީ ކައިރީގައި އޮންނަ އިރުމަތީ ސްރީލަންކާގެ ސަމްޕޫރުގައި ސޯލާ ޕަވާ ޕްލާންޓެއް ގާއިމް ކޮށް ހަކަތައިގެ ދާއިރާގައި ތެލަށް ބަރޯސާ ކުރާ މިންވަރު މަދުކުރާށެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އިންޑިއާއިން ވަނީ ސްރީލަންކާއަށް ކާބޯތަކެއްޗާއި، ތެލާއި، ބޭސް އަދި އެނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް ސްރީލަންކާއަށް 4 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއި އިންސާނީ އެހީ ދީފައެވެ.