ރާއްޖެއަށް ކާޑުއެތެރޭކުރާ އަގުތަކަށް ބަދަލު އެބަ އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ކާޑު އެތެރެކުރާ އަގުތަކަށް ބަދަލު އަޔަސް ރައްޔިތުންނަށް ވިއްކާ އަގަށް ބަދަލު ނާންނާނެ ކަމަށެވެ. "ކާޑު އެތެރެކުރާ އަގުތަކަށް ބަދަލުތަކެއް އެބަ އާދޭ. އެހެންނަމަވެސް ރައްޔިތުންނަށް ކާޑު ވިއްކާ އަގުތަކަށް ބަދަލެއް ނާންނާނެ،" އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ވިދާޅުވިއެވެ.

އެސްޓީއޯގެ އެކި ޚިދުމަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޢަމްރު ވިދާޅުވީ މިއަންނަ އަހަރު ޖުލައިމަހު، ނުވަތަ އެއަށްވުރެ އަވަހަށް އެސްޓީއޯ ސުޕަރސްޓޯރގެ ދެވަނަ ފިޔަވަހި، އެސްޓީއޯ ޓްރޭޑް ސެންޓަރގެ ފުރަތަމަ ފަންގިފިލާގައި ހުޅުވިގެންދާނޭ ކަމަށެވެ. މިއީ ވެސް ކަސްޓަމަރުންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޢަމްރު ވިދާޅުވީ ރާއްޖޭގެ އުތުރުގައި ފްލޯޓިންގ ސްޓޯރޭޖެއް ހެދުމަށާއި އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. "އެމް.އެސް.އެސް އިން މިހާރު ސިންގަޕޫރު އަދި މެލޭޝިޔާއިން ރާއްޖެއަށް ކޮންޓޭނަރު ގެންނަން ވަނީ ފެށިފައި،" ކަމަށް ވެސް ވިދާޅުވިއެވެ.