މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ދިގު ދައްމާލުމާއި ގުޅޭގޮތުން އާދީއްތަ ދުވަހު ވޯޓެއް ނަންގަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް، ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓާއި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަދަ މުހިއްމު މަސައްކަތްތައް ނިންމާލުމަށް ދައުރު ދިގުދައްމާލުމަކީ މުހިއްމު ކަމެއް ކަމަށެވެ.ރައީސް ނަޝީދު ވިދާޅުވީ މުހިއްމު މަސައްކަތްތައް ނިންމާލުމަށްޓަކައި މި ދައުރު ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހަށް ދިގު ދައްމާލުމަށް ގަސްދުކުރައްވާ ކަމަށެވެ.

އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންކަމަށް ބަލާލާއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ވަނީ ހިމެނިފައެވެ. ކޮންމެ މެމްބަރަކަށްވެސް ރިޕޯޓަށް ބަހުސް ކުރެއްވުމަށް 7 މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ.