ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް އަތުލިތާ އެއް އަހަރު ފަހުން، އެގައުމަށް ދިމާވެފައިވާ އިގުތިސޯދީ ކާރިސާއާއި ހަނަފަސްކަމާއި، ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ބަޔަކީ އަންހެނުންނެވެ.

އަންހެން ކުދިންގެ ދިރިއުޅުން ފުނޑުފުނޑުވެ، އެކުދިން މުޖުތަމަޢުން ބާކީވެފައިވެއެވެ. އަދި ބަނޑުހައިހޫނުކަމުގައި އެންމެ ބޮޑަށް ވޭން ތަހައްމަލުކުރަން ޖެހެނީ އަންހެނުންނަށް ކަމަށްވާއިރު ޑިޕްރެޝަންގެ މައްސަލަތަކުގައި އުޅޭ ހަތަރުބައިކުޅަ އެއްބަޔަކީބވެސް އަންހެން ކުދިންނެވެ. "ބްރޭކިން ޕޮއިންޓް: ލައިފް ފޯ ޗިލްޑްރަން" ގެ ނަމުގައި ސޭވް ދަ ޗިލްޑްރަންގެ އާ ރިޕޯޓެއްގައި އަންހެން ކުދިންގެ ހާލަތާ މެދު ތަފްސީލުކޮށް އެފަދައިން ބުނެފައި ވެއެވެ.ތާލިބާނުން ވެރިކަމާ ހަވާލުވިފަހުން އެއް އަހަރު ވެފައިވާ އިރު މި ރިޕޯޓުން ދައްކަނީ 97 ޕަސެންޓް އާއިލާތަކުން އެމީހުންގެ ދަރިންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި އަންހެން ކުދިން ކައި އުޅެނީ ފިރިހެން ކުދިންނަށް ވުރެ މަދުން ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އަފްޣާނިސްތާންގެ ގާތްގަނޑަކަށް 80 ޕަސެންޓް ކުދިން ބުނާ ގޮތުގައި މިދިޔަ 30 ދުވަހުގެ ތެރޭގައި ބަނޑުހައިވެގެން އެކުދިން ދަންވަރު ހޭލާފައި ވެއެވެ. އަދި ހައި ހޫނު ކަން މަތީގައި ތިބެގެން އަންހެން ކުދިން ނިދަންދާ އަދަދު ފިރިހެން ކުދިންނަށް ވުރެން ދެ ގުނައަށް އިތުރު ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

ކާބޯތަކެތި ނުލިބުމުގެ ސަބަބުން ކުދިންގެ ނިއުޓްރިޝަންގެ ސިއްހަތަށް ގެއްލުންވެ، އެކުދިންގެ މުސްތަގުބަލަށް ނުރައްކާވެ އެވެ. ކޮންމެ 10 އަންހެން ކުއްޖެއްގެ ތެރޭން ނުވަ ކުއްޖަކު ބުނި ގޮތުގައި އެމީހުންގެ ކެއުން މިދިޔަ އަހަރު މަދުވި ކަމަށާއި އެމީހުން ކަންބޮޑުވަނީ ބަރުދަން ލުއިވަމުން އަންނާތީ އާއި ކިޔެވުމާއި ކުޅުމާއި ހެލިފެލިވެ އުޅުމުގައި ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނުހުންނާތީއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުން، މި ކާރިސާގެ ސަބަބުން އަންހެން ކުދިންގެ ނަފްސާނީ އަދި ސައިކޯ ސޯޝަލް ދުޅަހެޔޮކަމަށް ވެސް ނުރައްކާތެރި ގެއްލުންތަކެއް ދަނީ ކުރަމުންނެވެ.

ސޯޝަލް ވޯކަރުންނަށް އެކުދިން ދިން އިންޓަރވިއުތަކަށް ބަލާއިރު، 16 އިންސައްތަ ފިރިހެން ކުދިންނާ އަޅާބަލާއިރު 26 އިންސައްތަ އަންހެން ކުދިންގެ ކިބައިން ޑިޕްރެޝަންގެ ނިޝާންތައް ފެނެއެވެ.

އަދި 27 އިންސައްތަ އަންހެން ކުދިންގެ ފަރާތުންނާއި 18 އިންސައްތަ ފިރިހެން ކުދިންގެ ފުށުން ބިރުގަތުމާއި ކަންބޮޑުވުމުގެ ނިޝާންތައް ފެނެއެވެ.

ފޯކަސް ގްރޫޕްތަކުގައި އުޅޭ އަންހެން ކުދިން ބުނާ ގޮތުގައި ރޭގަނޑު ނިދަން އުނދަގޫވެ ބިރުވެރި ހުވަފެންތަކެއް ފެނެއެވެ. މީގެ އިތުރުން ކުރިން އެކުދިން އުފަލުގައި އުޅުނުއިރު ބައިވެރިވަމުން ދިޔަ ގިނަ ހަރަކާތްތަކުން އެކުދިން ބާކީކޮށްފައިވާ ކަމަށާއި އެކަންކަމަކީ ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމާއި ޕާކުތަކާއި ފިހާރަތަކަށް ދިއުން ފަދަ ކަންކަން ކަމަށް ބުނެފައި ވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ގެ ވެރިކަމާ ހަވާލުވުމަށްފަހު، ސެކަންޑަރީ ސްކޫލް އަންހެން ކުދިންގެ ތެރެއިން އެތައް ހާސް ބަޔަކު ގޭގައި މަޑުކުރަން އަމުރުކޮށްފައި ވެއެވެ. މިންތީގެ ހަމަހަމަކަމަށް އެތައް އަހަރެއް ވަންދެން ކުރި މަސައްކަތް ވަނީ ފުރޮޅިގެން ގޮސްފައެވެ.

ސޭވް ދަ ޗިލްޑްރަންއިން އިންޓަރވިއުކުރި އަންހެން ކުދިން ވަނީ އެކުދިންނަށް ސްކޫލަށް ނުދެވޭނެތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އެކުދިންގެ މުސްތަގުބަލާމެދު ނާއުންމީދު ވާކަމަށް ބުނެފައެވެ.