ޔޫކްރެއިންގެ ޒަޕޯރިއްޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓްގެ ބޭނުންކޮށްފައިވާ ފިއުލް ސްޓޯރޭޖް ފެސިލިޓީ ކައިރީގައި ބޮންތަކެއް ގޮއްވާލިކަމުގެ ރިޕޯޓްތައް ލިބެމުންދާތީ އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާއިން ގޮވާލާފައި ވަނީ ނިއުކްލިއަރ މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިނުވާނެގޮތަކަށް ދެފަރާތުންވެސް އަމިއްލަ ނަފްސް ކޮންޓްރޯލު ކުރުމަށެވެ.

"ޔޫކްރެއިންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިމާވާ ކޮންމެ އެކްސިޑެންޓެއްގެ ސަބަބުން އާންމު ސިއްހަތަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެތީ، އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަމއް ދިނުމަށް އިންޑިއާއިން އެދޭ،" އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ރުޗިރާ ކަމްބޯޖް ވިދާޅުވި އެވެ.

ޔޫކްރެއިންއާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބްރީފިންގައި ވާހަކަ ދައްކަވަމުން ކަމްބޯޖް ވިދާޅުވީ، ޒަޕޯރިޒްޒިއާ ބޭނުންކޮށްފައިވާ ފިއުލް ސްޓޯރޭޖް ފެސިލިޓީ ކައިރީގައި ބޮންތަކެއް ގޮއްވާލި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.

ޒަޕޯރިޒްޒިއާ ނިއުކްލިއަރ ޕާލްނޓާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި ވަނީ އޯޕަން މީޓިންއެއް ބާއްވާފައެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގެ ޑިރެކްޓާ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ޒަޕޯރިޒްޒިއާ ޕްލާންޓަށް ބޮން އަޅާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އިލެކްޓްރިކަލް ސްވިޗްބޯޑް ކައިރީގައި އެތައް ގޮވުމެއް ގޮވައި، ކަރަންޓް ނިއްވާލަން ޖެހުނު ކަމަށެވެ.

ޒަޕޯރިޒްޒިއާ ނިއުކްލިއަރ ޕްލާންޓަކީ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓެވެ.

ޔޫކްރެއިންއިން އައިއޭއީއޭއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ޤައުމުގެ 15 ނިއުކްލިއަރ ހަކަތައިގެ ރިއެކްޓަރުގެ ތެރެއިން 10 ރިއެކްޓަރު މިހާރު ވަނީ ގައުމުގެ މައި ކަރަންޓު ގްރިޑާ ގުޅިފައެވެ.