ޗައިނާގެ ރައީސް ޝީ ޖިންޕިންގ ކޮމިއުނިސްޓް ޕާޓީގެ ކޮރަޕްޝަން ޗައިނާގެ ކޮންޓްރޯލު ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންނަށް ޚާއްސަ ގަވާއިދެއް ނެރެފިއެވެ.

މި ގަވާއިދު ބުނާ ގޮތުން ޕާޓީގެ އިސް މެމްބަރުން އެފަރާތްތަކުގެ އަނބިންނާއި ދަރިން ކުރާ ވިޔަފާރިއާ މެދު މައުލޫމާތު އޮޅުން ފިލުވައި ހަދަން ވާނެއެވެ. އަދި އެކަން މޮނީޓާ ކުރުމަށް ޚާއްސަ ޑިޕާޓްމަންޓެއްވެސް އެކުލަވާލާފައި ވެއެވެ. އެއީ ކޮމިއުނިސްޓް ޕާޓީގެ މަރުކަޒީ ކޮމިޓީގެ އާންމު އޮފީހުން ބަލަހައްޓާ މަސައްކަތެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

މި ގަވާއިދު ނެރެފައި ވަނީ "ރަސްމީ މަގާމުތައް ބޭނުންކޮށްގެން މަސްއޫލުވެރިން މުއްސަނދިވެ، ދައުލަތުގެ ޝަރުއިއްޔަތާއި ޕާޓީގެ ނުފޫޒު މީހުންގެ މެދުގައި ގެއްލިގެންދާ ތީ" ކަމަށް ބުނެފައި ވެއެވެ.

އާ ގަވާއިދުގައި މަސްއޫލުވެރިން ޕްރައިވެޓް އިކުއިޓީ ފަންޑެއް ހިންގުން ނުވަތަ ސަރުކާރުގެ މަސްއޫލުވެރިންނާއި ސިޔާސަތަށް ނުފޫޒު ފޯރުވަން ބޭނުންވާ މީހުންގެ މެދުގައި މަސައްކަތް ކުރާ ފަރާތަކަށް ވުމަކީވެސް މަނާ ކަމެކެވެ. އަދި ޕާޓީގެ ލީޑިން ކެޑޭޓުންގެ އާއިލާގެ މެމްބަރުންނަށް އަމިއްލައަށް ވަކި ވަކި ވިޔަފާރީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ މަނާ ކަމެއްކަންވެސް ކަނޑައަޅާފައި ވެއެވެ.

ކޮމިއުނިސްޓް ޕާޓީން މީހުންގެ މައްޗަށް ޖާސޫސް ކުރުމުގެ ބަދަލުގައި ގަވާއިދުގައި އެދިފައި ވަނީ މެމްބަރުން އަމިއްލައަށް އެމީހުންގެ އާއިލާގެ މެމްބަރުން ކުރާ ވަކި ވިޔަފާރީގެ ހަރަކާތްތައް ޕާޓީއަށް ރިޕޯޓް ކުރަމުން ގެންދިއުމަށެވެ.

އަދި އަލަށް ނެރުނު ގަވާއިދަށް އަމަލުކުރަން ކެޑޭޓުން ދެކޮޅު ހަދާ ފަރާތްތަކަށް ޕްރޮމޯޝަން ދިނުން ހުއްޓާލާނެއެވެ.

ޕާޓީގެ އިސްފަރާތްތަކުން ކުރުން މަނާ ވިޔަފާރި ހަރަކާތްތަކުގެ ތެރޭގައި ހިމަނާފައި ވަނީ، ކުންފުންޏެއްގައި އިންވެސްޓްކުރުން ނުވަތަ ކުންފުންޏެއް އުފެއްދުން، އަމިއްލަ ފައިސާއިން ނުވަތަ ބޭރުގެ ފައިސާއިން ހިންގާ ކުންފުންޏެއްގައި އިސް މަގާމެއް އަދާކުރުމާއި ޕްރައިވެޓް އިކުއިޓީ ފަންޑެއްގައި އިންވެސްޓްކުރުން ނުވަތަ އެފަދަ ފަންޑެއް ހިންގުމާއި ގާނޫނީ މަޝްވަރާ ދޭ ހިދުމަތްތަކުގައި ބައިވެރިވުން ފަދަ ކަންކަން ކުރުމެވެ.

މަސްއޫލުވެރިން މި ކަންކަން ޕާޓީއަށް ރިޕޯޓް ކުރަންވާނީ އަހަރަކު އެއްފަހަރު ޒާތީ ކަންކަން ރިޕޯޓްކުރުމާ ބެހޭ ގަވާއިދުގައި ލާޒިމުކުރާ ގޮތުގެ މަތިންނެވެ.