ތާލިބާނުންގެ ވެރިކަމަށް އަހަރު ފުރޭއިރު މަދުން ނޫނީ ނުފެންނަ ވައްތަރުގެ އަންހެނުންގެ މުޒާހަރާއެއް ތާލިބާނުން މިއަދު އަނިޔާވެރި ގޮތަކަށް ރޫޅާލައިފިއެވެ. ތާލިބާނުން ވެރިކަން އަތުލީ މިދިޔަ އަހަރުގެ އޮގަސްޓް 15ގައެވެ.

މިދިޔަ 20 އަހަރު ދުވަހު އަންހެނުންގެ ތަރައްގީގައި ހޯދާފައިވާ ކުރިއެރުންތައް ތާލިބާނުން ވަނީ ފަހަތަށް ޖައްސާލާފައެވެ.ކާބުލްގެ އެޑިއުކޭޝަން މިނިސްޓްރީގެ އިމާރާތުގެ ކުރިމަތީގައި މިއަދު ބޭއްވި މުޒާހަރާގައި ގާތްގަނޑަކަށް 40 އަންހެނުން މުޒާހަރާއަށް ނިކުތެވެ.

އެމީހުން ގޮވާލާފައި ވަނީ ހައިހޫނުކަން ފިލުވައި ދިނުމަށާއި ވަޒީފާ ދިނުމަށާއި އަންހެނުންގެ ހައްގުތައް ދިނުމަށެވެ.

ތާލިބާނުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހައި މީހުން ވިއްސި ވިހާލި ކޮށްލާފައެވެ. އަދި ކައިރި ފިހާރަތަކަށް ވަދެ ހިމާޔަތް ހޯދި އަންހެނުންގެ ގައިގައި ރައިފަލްއިން ތަޅައިހަދާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ "އޮގަސްޓް 15 އަކީ ކަޅު ދުވަހެއް" ކަމަށް ލިޔެފައިވާ ބެނާތައްވެސް ގެންގުޅެފައެވެ.

ތާލިބާނުން ވަނީ އެމީހުން ކުރިން ވެރިކަން ކުރި ގޮތަށް ހަރުކަށި ކޮށް ވެރިކަން ނުކުރާން ވައުދުވެފައެވެ. ނަމަވެސް މިހާރުވެސް އަފްޣާނިސްތާންގައި ގިނަ ހުސްތައް ކުރިމަތިކޮށްފައި ވެއެވެ.އަންހެނުންނަށް ސަރުކާރުގެ ގިނަ ވަޒީފާތަކަށް އެނބުރި ދިއުން ވަނީ މަނާކޮށްފައެވެ. އަދި ސެކަންޑަރީ ސްކޫލްތަކުން ދިހަހާސް އަންހެން ކުދިން ތައުލީމުން މަހުރޫމް ކޮށްފައި ވެއެވެ.

ދިގު ދަތުރުތަކުގައި އަންހެނުންނަށް މަހުރަމަކާ ނުލައި ދަތުރުކުރުން މަނާ ކޮށްފައި ވެއެވެ.

އާންމު ބަގީޗާތަކަށާއި ޕާކްތަކަށް އަންހެނުންނަށް ނިކުމެވޭނީ ވަކި ދުވަހެއްގައެވެ.

މެއި މަހު ތާލިބާންގެ ބޮޑު މުއްލާ ހިބަތުالله އަޒްޚުންޒާދާ ވަނީ ގެއިން ބޭރަށް އަންހެނުން ނިކުންނައިރު އެއްކޮށް މޫނު ނިވާކޮށްގެން ނޫނީ ނުނިކުތުމަށް އަންގާފައެވެ.