ސްރީލަންކާގެ ކަނޑުގެ ސަވައިލެންސްގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއިން ފުރަތަމަ ފަހަރަށް ޑޯނިއާ މަތިންދާބޯޓެއް ސްރީލަންކާ އެއާފޯސްއަށް ވައްދައިފި އެވެ.

ސްރީލަންކާ އެއަރ ފޯސްއިން ބުނީ އިންޑިއާ އާއި ސްރީލްނކާއާ ދެމެދު 09 ޖެނުއަރީ 2018 ގައި ނިއުދިއްލީގައި ބޭއްވި ޑިފެންސް ޑައިލޮގްގައި އިންޑިއާއިން ދެ ޑޯނިއާ ރިކޮނައިސަންސް އެއާކްރާފްޓް ހޯދުމަށް ސްރީލަންކާ ސަރުކާރުން އެދިފައިވާ ކަމަށެވެ. ލަންކާ ސަރުކާރުން އެދުމުގެ މަތިން އިންޑިއާގެ ކަނޑުގެ ސިފައިންގެ ފްލީޓުން ޑޯނިއާ 228 މަރުކާގެ މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓެއް ދެ އަހަރު ދުވަހުގެ ވަގުތީ މުއްދަތަށް ހިލޭ ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެއެވެ. އަދި ފަހުން އައު ޑޯނިއާ މަތިންދާބޯޓެއް އިންޑިއާއިން ސްރީލަންކާއަށް ދޭނެކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާގެ ނޭވަލް ޑޯނިއާ (އިންޑޯ – 228) އަކީ 1981 ވަނަ އަހަރުން ފެށިގެން އުފައްދަމުންދާ ޓާބޯޕްރޮޕް ޓްވިން އިންޖީނެއް އެކުލެވޭ މަލްޓިރޯލް ލައިޓް ޓްރާންސްޕޯޓް މަތިންދާބޯޓެކެވެ. މިއީ ކުރު ރާސްތާއަކަށް ދުއްވައިގެން އުދުއްސާ ލެވޭ ވައްތަރުގެ ބޯޓެކެވެ.

އިންޑިއާގެ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑުން ޑޯނިއާ މަތިންދާބޯޓު އުފައްދަމުން ދަނީ ޖަރުމަން ކުންފުނިން ދީފައިވާ ލައިސަންސްއެއްގެ ދަށުން 1993 ވަނަ އަހަރުން ފެށިގެންނެވެ.

ސްރީލަންކާ އެއާފޯސްއިން ބުނެފައި ވަނީ އެ މަތިންދާބޯޓު އުދުއްސައި ބަލަހައްޓަމުންދާނީ އިންޑިއާގައި ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ހާއްސަ ތަމްރީނުތައް ހަދާފައިވާ ސްރީލަންކާ ސިފައިންގެ 15 ކްރޫއިންގެ ޓީމަކުންނެވެ. އޭގައި ޕައިލެޓުންނާއި އޮބްޒާވަރުންނާއި އިންޖިނިއަރިން އޮފިސަރުންނާއި ޓެކްނީޝަނުން ހިމެނެއެވެ.

ސްރީލަންކާ ސިފައިން މި މަތިންދާބޯޓު ބޭނުން ކުރާނީ އެސްއީޒެދްގެ ސަރަހައްދުގައި ހިންގާ ކަންކަން ބަލައި މޮނީޓާ ކުރުމަށެވެ.