ޗައިނާގެ އާބާދީ މަދުވަމުންދިއުމަކީ އެގައުމުގައި ބޮޑު ވެގެންވާ ނުތަނަވަސް ކަމެކެވެ. ބޮޑު އާބާދީއަކަށް ކާން ދޭނެ މެޝީން ހިންގާނެ އަތްތަކެއް ތިބުމަކީ ކޮންމެހެންވެސް ބޭނުން ތެރި ކަމެކެވެ.

ޗައިނާގެ ވެންޒޯގެ ޑިސްޓްރިކްޓަކުން ވަނީ ދަރިން އިތުރަށް ވިހެއުމަށް ހިތްވަރު ދިނުމުގެ ގޮތުން އާއިލާތަކަށް ކުޑަކުދިން ބަލަހައްޓާން އެލަވަންސެއް ދިނުމަށް ނިންމައި އެކަން އިއުލާން ކޮށްފައެވެ.

ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެ ކުދިން ތިބި އާއިލާތަކަށް ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކު ބަލަހައްޓަން ބޮލަކަށް 500 ޔުއާން (74 ޑޮލަރު) ލިބޭނެއެވެ. ތިން ކުދިން ހޯދާފައިވާ ދެމަފިރިންނަށް ކުއްޖަކަށް 1،000 ޔުއާން ދޭނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޗައިނާގެ ރަސްމީ ޑޭޓާއިން ދައްކާ ވަރަށް ވުރެން އާބާދީ މަދުމުވުގެ މައްސަލައަކީ ޕޮލިސީ ލެވެލްގައި ނުތަނަވަސްކަން ބޮޑު މައްސަލައެކެވެ.

ޗައިނާގެ 10 ޕްރޮވިންސެއްގެ އާބާދީ 2021 ވަނަ އަހަރު ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އިދާރާއިން އާއްމުކޮށްފައިވާ ޑޭޓާއިން ދައްކައެވެ. ނަމަވެސް އެ ޑޭޓާގެ ސައްހަ ކަމާމެދު ބައެއް މީހުން ޝައްކު އުފައްދައެވެ.

ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްގެ އިގްތިސާދީ ތާރީޚުގެ ޕްރޮފެސަރެއް ކަމަށްވާ ކެންޓް ޑެންގް ފާހަގަ ކޮށްފައިވާ ގޮތުގައި ސަރުކާރުން ބުނާ ރަސްމީ މައުލޫމާތުގައި އަލަށް އުފަންވާ މީހުންގެ އަދަދުތައް ޞައްޙައެއް ނޫނެވެ. އަސްލު ވިހެއުމުގެ ނިސްބަތާއި މަރުވާ މިންވަރާ ދެމެދު އޮތް ފަރަގު ކުޑަ ވުމުން ހިސާބުތަކުން ދައްކަނީ ވަރަށް ހަނި މާޖިންއެއް އޮތް ކަމަށް އޭނާ ވިދާޅުވެއެވެ.

ޗައިނާގައި އުފަންވާ މީހުންގެ ނިސްބަތް 0.752 ޕަސެންޓްގައި އަދި މަރުވި ނިސްބަތް 0.718 ޕަސެންޓްގައި ރެކޯޑްކޮށްފައިވާއިރު، ގުދުރަތީ ގޮތުން އާބާދީ އިތުރުވުމުގެ ނިސްބަތަކީ 0.034 ޕަސެންޓް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވެއެވެ. ނިކޭ އޭޝިއާ އިން ދައްކާ ގޮތުގައި 2020 ވަނަ އަހަރު ގުދުރަތީ ގޮތުން އާބާދީ ކުރި އެރި ނިސްބަތަކީ 0.145 ޕަސެންޓެވެ.

ކެންޓް ޑެންގް ވިދާޅުވި ގޮތުގައި މި ޑޭޓާ ކިޔާލާއިރު އަސްކަރީ ގޮތުން ގައުމު ބަލިކަށި ވުމާއި އާބާދީއާ ވެސް އަޅާކިޔަން ޖެހެއެވެ. އެހެންވެ، އެފަދަ ނޭދެވޭ ކިޔާލުމަކަށް ފުރުސަތު ނުދިނުމުގެ ގޮތުން ޑޭޓާ އެހައި ތަފްސީލުކޮށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަ ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.