ޕާކިސްތާންގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ނިކުމެ އުޅުނު މީހެއްގެ ގަޔަށް ކަރާޗީގެ ކްލިފްޓަން ސަރަހައްދުގައި ބަޑިޖަހައި މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ފުލުހުން ބުނީ އުމުރުން 50 އަހަރުގެ ނާއިކް މުހައްމަދު މިނިވަން ދުވަސް ފާހަގަ ކުރުމަށް ގުލްޝަން ޖަމާލު ސަރަހައްދުން ދަނިކޮށް މަގު ފޭރޭ ބަޔަކު އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލީ ކަމަށެވެ.
އޭނާ ދިޔައީ ކާރެއްގައި އެހެން ބަޔަކާއެކު ކަމަށާއި ސައިކަލެއްގައި އައި ތިން މީހަކު އޭނާއަށް ހަމަލަ ދިނީ ކަމަށެވެ.
އަދި އޭނާ މަރާލުމުގެ ކުރިން އޭނާގެ އަތުން ފައިސާ އާއި އެހެނިހެން އަގުހުރި ތަކެތި ފޭރިގަންނަން މަސައްކަތް ކުރި ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި މަގު ފޭރޭ މީހުން އޭނާގެ ގަޔަށް ބަޑި ޖެހީ އެމީހުން ބިރުދެއްކި ފިސްތޯލަ އަތުލާން އުޅުމުން ކަމަށްވެސް ފުލުހުންނާ ހަވާލާދީ ޑޯން ގައި ބުނެފައި ވެއެވެ.