ޗައިނާގައި 60 އަހަރު ތެރޭ ކުރިމަތި ނުވާވަރުގެ ނޫހުކަމެއް ގައުމަށް ކުރިމަތި ވުމާ ގުޅިގެން ފެކްޓްރީތައް ބަންދު ކުރުމަށް މަޖުބޫރު ވެފައި ވެއެވެ. ޗައިނާގެ ސިޗުއާން ޕްރޮވިންސުން ވަނީ ހޫނު ގަދަވެ ކަރަންޓަށް ލޯޑުބޮޑުވެފައި ވުމުން އެ ސަރަހައްދުގައި ކަރަންޓުގެ ދަތިކަން ކުޑަކުރުމަށް ހުރިހާ ފެކްޓްރީތައް ހަ ދުވަހަށް ބަންދު ކުރުމަށް އަންގައިފައެވެ.
ސިޗުއާން އަކީ ސެމީކޮންޑަކްޓަރ އަދި ސޯލާ ޕެނަލް އިންޑަސްޓްރީގެ މުހިންމު އުފެއްދުންތަކެއް އުފައްދާ ސަރަހައްދެކެވެ. ސިޗުއާންގައި ކަރަންޓަށް ޓަކައި ކާރުޚާނާތައް ބަންދު ކުރުމުން ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކްސް ކުންފުނިތަކާ ގުޅިފައިވާ ފެކްޓްރީތަކަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.
ސިޗުއާނަކީ ޗައިނާގެ ލިތިއަމް މައިނިންގެ މަރުކަޒެކެވެ. އެއީ އިލެކްޓްރިކް ކާރުގެ ބެޓެރީގައި ހިމެނޭ މުހިންމު ބައެކެވެ. މުހައްލިލުން ބުނާ ގޮތުގައި ސިޗުއާންގައި އަޅާ މި ފިޔަވަޅުގެ ސަބަބުން ރޯ މެޓީރިއަލްގެ އަގު ބޮޑުވެދާނެ ކަމަށެވެ.
މިހާރު ދިމާވެފައި މިވާ ހޫނުކަމަކީ 60 އަހަރުގެ ތެރޭގައި ދިމާވެފައިވާ އެންމެ ވަރުގަދަ ހޫނުކަމުގެ ރާޅުކަމަށް ޗައިނާއިން ބުނެއެވެ. ޗައިނާގެ ދިހަވަރަކަށް ސިޓީގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އިތުރު ވެފައި ވެއެވެ.
އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން އޮފީސްތަކާއި ގޭގޭގައި އެއާކޮންޑިޝަނަށް ޑިމާންޑް ބޮޑުވެފައި ވެއެވެ. އަދި ކަރަންޓް ގްރިޑަށް އޭގެ ސަބަބުން އަސަރުކޮށްފައި ވެއެވެ. މި ހޫނުވުމާ ގުޅިގެން ކޯރުތަކުގެ ފެންގަނޑު ހިނދި، ހައިޑްރޯޕަވަރ ޕްލާންޓްތަކުން އުފައްދާ ކަރަންޓުގެ މިންވަރުވެސް މަދުވެފައި ވެއެވެ.
ސިޗުއާންއަކީ ޗައިނާގެ 84 މިލިއަން މީހުން ދިރިއުޅޭ އެންމެ ބޮޑު އެއް ޕްރޮވިންސެވެ. ފެކްޓްރީތައް ބަންދުކުރުމަށް ސިޗުއާންގެ 21 ސިޓީގެ ތެރެއިން 19 ސިޓީއެއްގައި ފެކްޓްރީތަކަށް އަންގާފައިވެއެވެ .
މިއީ ޗައިނާގެ މުހިންމު ހައިޑްރޯޕަވަރގެ ހަބެއްވެސް މެއެވެ. މި ޕްރޮވިންސްގައި އެވްރެޖްކޮށް ވާރޭ ވެހޭ މިންވަރު ކުރީ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު 51 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ސަރުކާރުގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ލިޔުމެއްގައިވެއެވެ.
ސިޗުއާންގެ ސިޓީއެއް ކަމަށްވާ ލޫޒޯ ގައި މިދިޔަ ހަފްތާގައި ވަނީ ކަރަންޓް ސޭވް ކުރުމަށްޓަކައި ރޭގަނޑު އެ ސިޓީގެ މަގުމަތީގެ ބޮކިތައް ނިއްވާލާނެ ކަމަށް އިއުލާންކޮށްފައެވެ.
ޓެސްލާއާއި އިންޓެލްގެ ފެކްޓްރީތައްވެސް ސިޗުއާންގައި ހުރުމުން އެ ޕްރޮވިންސްގައި އަޅާ ވިޔަވަޅުތަކުން އިލެކްޓްރޯނިކް އައިޓަމްތަކުގެ އަގަށް ބަދަލު އަންނާނެއެވެ. ސިޗުއާންގެ އިތުރުން ޗައިނާގެ އެހެން ބޮޑެތި ޕްރޮވިންސްތައް ކަމަށްވާ ޖިއާންގްސޫ، އަންހޫއީ، އަދި ޒީޖިއާންގް ގައިވެސް ވަނީ ހޫނު ގަދަކަމަށް ބުނެފައެވެ. އަދި މި ޕްރޮވިންސްތަކުގައިވެސ ގޭބިސީގައި ކަރަންޓް ސޭވް ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އޮފީސްތަކުގެ އޭސީ 26 އަށް ވުރެން ދަށް ނުކުރުމަށާއި އިމާރާތްތަކުގައި ފުރަތަމަ ތިން ބުރިއަށް ލިފްޓްގެ ހިދުމަތް ބޭނުން ނުކުރުމަށްވެސް އަންގާފައި ވެއެވެ.