އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންއަށް އިންޑިއާގެ ޑިފެންސް އެޓޭޗަށް އެއްވެސް އެސްކޯޓަކާ ނުލައި މިހާރު ވަދެވޭނެ ކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެފިއެވެ.
އެމެރިކާގެ މިފަދަ ފިޔަވަޅަކީ އިންޑިއާއާއެކު އެމެރިކާއިން ހިއްސާކުރާ އިތުބާރާއި އެއްބާރުލުމާ އެއްގޮތް ފިޔަވަޅެއް ކަމަށް އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ފްރެންކް ކެންޑަލް ވިދާޅުވިއެވެ. އޭނާ މިވާހަކަ ހާމަ ކުރައްވާފައި ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ސަފީރު ތަރަންޖިތު ސިންގް ސާންޑޫ ބޭއްވި ރިސެޕްޝަންގަ ވާހަކަ ދައްކަވަމުންނެވެ.
ކެންޑަލް ވިދާޅުވީ އިންޑިއާއާއެކު އެމެރިކާއިން މުއާމަލާތު ކުރަނީ ޑިފެންސް ޕާޓްނަރެއްގެ ހައިސިއްޔަތުން ކަމަށެވެ.
އެމެރިކާގެ ދިފާއި ވުޒާރާއިން އެގޮތަށް ހަމަޖައްސާފައި ވަނީ އިންޑިއާގެ މިނިވަން ދުގެ މުނާސަބާއިން ފެށިގެންނެވެ.
ކެންޑަލް ވިދާޅުވިގޮތުގައި އެފަދަ ނިންމުމަކީ ބޮޑު ނިންމުމެއް ކަމަށެވެ. އެއީ އެއްވެސް ފަރާތަކަށް ޕެންޓަގަންއަށް އެސްކޯޓަކާ ނުލައި ނޫނީ ނުވަދެވޭނެ ކަމަށެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ މައި މަރުކަޒު ކަމަށްވާ ޕެންޓަގަން އަކީ އެމެރިކާގައި މީހަކަށް ވަންނާން އެންމެ އުނދަގޫ އެއް މަރުކަޒެވެ. އެމެރިކާގެ ރައްޔިތުންނަށް ވެސް މަތީ ފެންވަރުގެ ސެކިއުރިޓީ ކްލިއަރެންސްތަކެއް ނެތި އެ އިމާރާތަށް ނުވަދެވޭނެ އެވެ.
އިންޑިއާ އަކީ އެހެން ގައުމަކަށް ވުރެ ގިނައިން އެމެރިކާއާ ގުޅިގެން ޖޮއިންޓް އެކްސަސައިޒްތައް ކުރާ ގައުމެކެވެ. އސަދި ދިގު ގާތް ގުޅުމެއް އޮންނަ ގައުމެއްވެސް މެއެވެ.
އިންޑިއާއާއި އެމެރިކާގެ ޑިފެންސް ޓްރޭޑް އެންޑް ޓެކްނޮލޮޖީ އިނިޝިއޭޓިވް، މިހާރުވެސް އެއް ވަރަކަށް ކުރިއަރަމުން އަންނަ ކަމަށް ކެންޑެލް ވިދާޅުވިއެވެ.