އިންޑިއާ ވަނީ މިނިވަންވި ފަހުން އެގައުމަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތައް ފަހަނައަޅައިގޮސް ކުރިއަށް ދެމިގެންފައެވެ. މިއަދު އިންޑިއާއަކީ ދުނިޔޭގެ 6 ވަނައަށް އެންމެ ބޮޑު އިގްތިސާދެވެ.

ފަގީރުކަމާއި އެންމެ 18 ޕަސެންޓް މީހުންގެ ލިޔަންކިޔަން ދަންނަ އާބާދީއަކާއި ހައިހޫނުކަމާ ކުރިމަތިލަމުން ދިޔަ ރައްޔިތުންނަކާއެކު ޒަމާނީ އިންޑިއާ ބިނާ ކުރުމަށް މިހާރުގެ އިންޑިއާޣެ ބައްޕަ ޖަވާހަރްލާލް ނެހްރޫ ކުރެއްވި މަސައްކަތުން މިއަދު އިންޑިއާއަކީ، 3.17 ޓްރިލިއަން ޑޮލަރުގެ އިގްތިސާދެކެވެ. ބޮޑު ވަޒީރު މޮދީ މަސައްކަތް ކުރައްވަނީ މި މުއްދަތުގައި އިންޑިއާ ހަތަރު ޓްރީލިއަން ޑޮލަރުގެ އިގްތިސާދަކަށް ހަދާށެވެ. މިހާރު އިންޑިއާގެ އިގްތިސާދު އޮތީ ތަރުތީބުން އެމެރިކާ، ޗައިނާ، ޖަޕާން، ޖަރުމަން އަދި އިނގިރޭސިވިލާތުގެ ފަހަތުންނެވެ.

މިނިވަންކަން ލިބުނު ފަހުން މިފާއިތުވި 75 އަހަރަކީ ހަމައެކަނި އިގްތިސާދަށް ސްޓްރަކްޗަރަލް ބަދަލުތަކެއް ގެނެސްފައިވާ އަހަރުތަކެއް ނޫނެވެ. އޭގެ އިތުރުން ތަރައްގީވެފައިވާ އިގްތިސާދުތަކާ އެއްވަރަށް އިންޑިއާއިން ވަނީ ސްޓްރަކްޗަރަލް ބަދަލުތަކެއް ގެނަސްފައެވެ.

އިނގިރޭސިންގެ ވެރިކަމުގެ ސަބަބުން އިންޑިއާ އޮތީ ބޮޑު މުއްސަނދިކަމެއް ނެތި، ސިނާޢީ އުފެއްދުންތެރިކަމުގައި އިނގިރޭސިންނަށް އަޅުވެތި ވެފައެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެ މުޅި ގައުމުގައި ފަގީރުކަން އޮތީ އިންތިހާއަށް ފެތުރިފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ އިންޑިއާގެ މިނިވަންކަމަކީ އޭގެ ޒާތުގައި އެގައުމުގެ އިގްތިސާދީ ތާރީޚަށް އައި ވަރަށް ބޮޑު ބަދަލެކެވެ. އިންޑިއާގައި ފެންނާން ހުރި އިދާރީ ހިންގުމުގެ މުއައްސަސާތަކާއި އޮނިގަނޑާއި އިލްމީ މުއައްސަސާތަކަކީ ނެހްރޫގެ 18 އަހަރުގެ ވެރިކަމުގައި ގެންނެވި ބަދަލުތަކުގެ ނަތީޖާއެކެވެ.

އިންޑިއާއިން ފަޚުރުވެރިވާ އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓި) ތަކަކީ އެމެރިކާގެ މެސެޗުސެޓްސް އިންސްޓިއުޓް އިފް ޓެކްނޮލޮޖީއާ އެއް ވައްތަރަކަށް ކިޔަވައި ދިނުމަށް އިންޑިއާގައި އުފެއްދި މަތީފެންވަރުގެ ޓެކްނޮލޮޖީ އިންސްޓިއުޓްތަކެކެވެ. މިހާރުގެ ސައިންސާއި ޓެކްނޮލޮޖީގެ ތަރައްގީއަކީ މިތަންތަނުގެ ގްރެޖުއޭޓުންގެ ޙިއްސާއެވެ.

މިނިވަންކަމަށް ފަހު އިންޑިއާއިން ކުރި ދަތުރަކީ ކަނޑައެޅިގެން އޮމާން ދަތުރެއް ނޫނެވެ. މިނިވަންވިތާ މަގިނަ ދުވަސްތަކެއް ނުވެ އެމެރިކާއިން އިސްވެ އޮވެގެން އިންޑިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އަޅާފައި އޮތެވެ. އެކަމަކުވެސް އިންޑިއާއިން ތަރައްގީ ވަމުން އައި އެހެން ގައުމުތަކާއެު އިންޑިއާގެ ތަޖުރިބާތައް ޙިއްސާ ކުރިއެވެ.

1981 ވަނަ އަހަރު އިންޑިއާއަށް ކުރިމަތިވި މާލީ ދަތިކަމާއި،އަދި 1991 ވަނަ އަހަރުގެ އިގްތިސާދީ ހީނަރުކަމާއި، ދެން 2008 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ވަޅު ޖެހުމާއި، އިންޑިއާއިން ފައިސާ ނޫޓުތައް ބަދަލު ކުރުމަށް ކުރި މަސައްކަތް ފަދަ އެތައް ގޮންޖެހުންތަކެއް އިގްތިސާދަށް ކުރިމަތިވިއެވެ. މިއަށްވުރެ ފަހުގެ ހާދިސާތަކުގެ ވާހަކަ ދައްކާނަމަ އާލަމީ ވަބާ ކޯވިޑް-19 އާއި ރަޝިޔާ-ޔޫކްރޭން ހަނގުރާމައެވެ. އެކަމަކުވެސް އިންޑިއާގެ އިގްތިސާދީ އަސާސްތައް ވަރުދަކަމުން އިންޑިއާއިން ވަނީ މިހުރިހައި ގޮންޖެހުމެއްވެސް ގިރާ ކުރުމަށް ކުޅަދާނަކަން ދައްކާފައެވެ.

މިފަދަ ހުރިހާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އިންޑިއާއަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑު އިގްތިސާދު ކަމަށް ބުނެ މާހިރުންގެ ތައުރީފް އިންޑިއާއަށް ލިބެއެވެ. އިންޑިއާގެ މިނިވަންކަމުގެ ކުރީ ކޮޅު އިންޑިއާގެ އިގްތިސާދު ތަރައްގީވެފައި ވަނީ އެވަރެޖުކޮށް ފަސް ޕަސެންތްގައެވެ. ނަމަވެސް މިހާރުގެ އަންދާސާއަކީ އަށްޕަސެންޓެވެ. އަދި އިންޑިއާއަކީ އެންމެ ގިނައިން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ހޯދާ ގައުމުވެސް މެއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ނެރުނު އެންމެ ފަހުގެ ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައި އިންޑިއާގެ އިގްތިސާދު އެއްވަރަކަށް ކުރިއަރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. އަދި އިންޑިއާގެ ޖީޑީޕީ 8 ޕަސެންޓަށް ވުރެން މަތިން ތަރައްގީ ވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

އިންޑިއާގެ ބޮލަކަށްޖެހޭ އާމްދަނީ ވެސް ވަނީ 1947 ވަނަ އަހަރާ އަޅާ ބަލާއިރު 500 ގުނަ އިތުރުވެފައެވެ.

މިނިވަންކަމަށްފަހު ފުރަތަމަ އަހަރުތަކުގައި އިންޑިއާގެ ބޮލަކަށްޖެހޭ އާމްދަނީ އުޅުނީ އެންމެ 265 ރުޕީސްގައެވެ. އެއާ އަޅާބަލާ އިރު މިހާރު މި އަދަދު ވަނީ 1،28،829 ރުޕީސްއަށް އިތުރު ވެގެން ގޮސްފައެވެ.