އަލްޖަޒާއިރުގައި ބޭނުން ކުރާ ދެވަނަ ބަހަކަށް އިނގިރޭސި ބަސް ހެދުމަށް މަސައްކަތް ފަށައިފިއެވެ. އަލްޖަޒާއިރުގެ ރައިސް ވިދާޅުވެފައި ވަނީ ބައިނަލްއަގްވާމީ ބަހަކީ އިނގިރޭސި ބަސް ކަމަށެވެ.
ފަރަންސޭސި އިސްތިއުމާރުން މިނިވަން ވެފައިވާ އަލްޖަޒާއިރުން ވަނީ ބަހުގެ މައްސަލައަށް ބައިގަރުނު ވަންދެން ބަހުސްކޮށްފައެވެ.
މިދިޔަ މަހު އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު އިއުލާން ކުރައްވާފައި ވަނީ މިހާރު ފެށޭ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގައި ދެވަނަ ބަހެއްގެ ގޮތުގައި ފަރަންސޭސި ބަސް ކިޔަވައި ދިނުން ބަދަލު ކުރާނެ ކަމަށެވެ.
ފަރަންސޭސިން ވަނީ އެމީހުންގެ ދިގު އިސްތިއުމާރުގައި އަލްޖަޒާއިރު އިސްލާމީ ޝަޚުސިއްޔަތު ނިގުޅައި ގަނެ މީހުން އަރަބި ބަސްމަތިން ހަނދާން ނައްތާލާފައެވެ. މިނިވަންވި ފަހުން އަލްޖަޒާއިރުން ވަނީ މިސްރފާއި އިރާގުން މުދައްރިސުން ގެނެސްގެން އަލުން އަރަބި ބަސް ކިޔަވައިދީ އަރަބި އިސްލާމީ ޝަޚުސިއްޔަތު ބިނާ ކޮށްފައެވެ.
އަލްޖަޒާއިރުގައި އިނގިރޭސި ބަސް ކިޔަވައިދޭނެ މުއްދަރިސުން މަދު ކަމަށް މަސްއޫލުވެރިން ވިދާޅުވެއެވެ. ނަމަވެސް އާންމުންނާއި މަސްއޫލުވެރިންގެ މެދުގައި ފަރަންސޭސި ބަސް ދޫކުރުމުގެ ހަގީގީ ޝައުގުވެރިކަމެއް އެބައޮތެވެ.
މީގެ ކުރިން އަލްޖަޒާއިރުގައި ފަރަންސޭސި ކުންފުނިތައް ހަރަކާތްތެރިވެ ކޮންޓްރެކްޓްތައް ނަގައެވެ. ނަމަވެސް މިފަހުން ސަރުކާރުން ވަނީ ފަރަންސޭސި ކުންފުނިތަކަށް ކޮންޓްރެކްޓް ދިނުމުގެ ބަދަލުގައި އަލްޖަޒާއިރުގެ ކުންފުނިތަކަށް ކޮންޓްރެކްޓް ދިނުމަށް އިސްކަން ދީފައެވެ.
އަލްޖަޒާއިރުގައި ފްރާންސްގެ ސަގާފީ ޓީވީ ޕްރޮގްރާމްތައްވެސް މިހާރަކު މަގްބޫލެއް ނޫނެވެ. މީހުން ދެކޭ ގޮތުގައި ފްރެންޗު ބަހަކީ ކުރީ ޒަމާނުގެ މަތީ ފަންތީގެ މީހުން ބޭނުން ކުރި ބަހެކެވެ. ނަމަވެސް މިހާރުގެ ހިޓް ކަމަކީ އިނގިރޭސި އެނގުމެވެ.
ފްރާންސް ޓީވީއަށް ވުރެން ތުރުކީ ސީރިއަލްއާއި ސައުތު ކޮރެއާއާއި ނެޓްފްލިކްސްވެސް އަލްޖަޒާއިރުގައި މާބޮޑަށްވެސް މަގްބޫލެވެ.
ކޮފީޝޮޕްތަކުގައި އިންސްޓާއާއި ޓިކްޓޮކް ބޭނުން ކުރާ ޒުވާނުންނަށްވެސް އެންމެ ގަޔާވާ ބަހަކީ އިނގިރޭސި ބަހެވެ.
އަލްޖަޒާއިރު މީހުން ފަރަންސޭސިއަށް އެލާޖިކް ވުމުގައި ސަބަބުތަކެއްވެސް އެބަހުއްޓެވެ. މިނިވަންކަމުގައި ހަނގުރާމައިގައި ފަރަންސޭސިން އަލްޖަޒާއިރުގެ މިލިއަން މީހުން ޝަހިދުކޮށްފައިވާ ކަމީ ޖަޒާއިރު މީހުން އަދިވެސް ފަރަންސޭސިންނަށް މައާފް ކޮށްފައިވާ ކަމެއް ނޫނެވެ. އެކަމަކަށް ފަރަނސޭސިން އަދިވެސް ދަނީ މައާފަށް އެދުމަށް ދެކޮޅު ހަދަމުންނެވެ.
ޕެރިހުގެ އައިފެލް ޓަވަރު ހެދުމަށް އަލްޖަޒާއިރުން ފަރަންސޭސިން ވަގަށް ނެގި ދަނގަނޑުތަކަށް ބަދަލު ދޭން އަދިވެސް ފަރަންސޭސިން ދެކޮޅު ހަދައެވެ.
ފަރަންސޭސިވިލާތަކީ ދައުލަތުގެ މުއައްސަސާތަކުގެ ފެންވަރުގައި އިސްލާމޯފޯބިއާ ގެންގުޅޭ ގައުމެކެވެ.