އިންޑިއާއިން މިނިވަންކަމަށް 75 އަހަރު ފާހަގަ ކުރަމުންދާއިރު އިނގިރޭސިވިލާތުން އިންޑިއާއަށް ފޮނުވާފައިވާ ހައިކޮމިޝަނަރ އެލެކްސް އެލިސް ވަނީ އިންޑިއާއާއި އިންޑިއާ މީހުން އިނގިރޭސިވިލާތުގައި ހޯދާފައިވާ ކާމިޔާބީތަކާ ބެހޭ ގޮތުން އައުޓުލުކްގައި ލިޔުއްވި މަޒްމޫނެއްގައި ތަފްސީލުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އިންޑިއާގެ ނަސްލުގެ ދޮޅު މިލިއަން މީހުން އިނގިރޭސިވިލާތުގައި ހޯދާފައިވާ ކާމިޔާބީއަކީ އާދަޔާ ޚިލާފު ކާމިޔާބީއެއް ކަމަށެވެ. އަދި މި ކާމިޔާބީތައް އިނގިރޭސިވިލާތުގެ ދިރިއުޅުމުގެ އެތައް ދާއިރާއަކުން ފެންނާން އެބަހުރި ކަމަށެވ.
ސިޔާސީ ދާއިރާއިން މިކަންކަން ފެނިގެން ދަނީ ފަހުގެ ކެބިނެޓްތަކުގެ މަތީ ފެންވަރުގައި ޚިދުމަތް ކުރެއްވި އިންޑިއާ ދަރިކޮޅުގެ ވަޒީރުންނާއި ޕާލަމެންޓްގެ ދެ ގޭގަގައި މަސައްކަތް ކުރައްވާ އިންޑިއާ ދަރިކޮޅުގެ މެމްބަރުންގެ މަސައްކަތުންނެވެ.
އިނގިރޭސިވިލާތުން ބައިނަލްއަގްވާމީ މައިދާނުގައި ކުރާ މަސަކަތުގައި ވެސް އިންޑިއާ ދަރިކޮޅުގެ މީހުންގެ ހީއްސާ މަތިވެރި އަދަދަކަށް ފެންނަކަމަށް ލިޔުއްވަމުން 192 ގައުމެއް އެއްވެގެން ގްލާސްގޯ ގައި ބޭއްވި ކްލައިމެޓް ޕެކްޓްގައި ކޮޕް ބައްދަލުވުން ނިންމާލި އިރު ރިއާސަތުގައި އިންނެވީ އިންޑިއާގެ އާގަރާއަށް އުފަން އަލޮކް ޝަރްމާ ކަމުގައި ލިޔުއްވިއެވެ.
އިނގިރޭސި ސިއްޙީ ދާއިރާގައިވެސް މަތިވެރި ދަރަޖައަކަށް އިންޑިއާމީހުންގެ ޚިދުމަތް ލިބޭކަން ފާހަގަ ކުރައްވަމުން އެނާ ވިދާޅުވީ ހެލްތު ސެކްޓާގެ އެންމެ ގިނަ އަދަދަކަށް އިނގިރޭސިން ފިޔަވައި ދެން ތިބި ބަޔަކީ އިންޑިއާ ދަރިކޮޅު ގެ މީހުން ކަމަށެވެ. އަދި އިންޑިއާ ދަރިކޮޅުގެ ސައިންސްވެރިންގެ ޙިއްސާ އިނގިރޭސިވިލާތުގައި ފާހަގަ ކުރައްވަމުން ރޯޔަލް ސޮސައިޓީގެ އެންމެ ފަހުގެ ރައީސް، ނޮބެލް އިނާމު ލިބިފައިވާ ސައިންސްވެރިޔާ ވެންކީ ރާމާކްރިޝްނާން ގެ ޚިދުމަތްތައްވެސް ފާހަގަ ކުރެއްވިއެވެ.
އިންޑިއާގެ ސަގާފަތަކީ އިނގިރޭސިންގެ ދިރިއުޅުމުގެ ބައެއްކަމަށް މިހާރު ވެފައިވާ ސަގާފަތެއްކަމަށް ވިދާޅުވަމުން ހައިކޮމިޝަނަރ ވިދާޅުވީ، އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސިޓީތަކުގެ މަގުތަކުގައި ދިވާލީ އާއި ހޯލީ ފާހަގަކުރެވޭއިރު ގޭގެ އެތެރެއާއި ބޭރުގައި އެންމެ ގިނައިން ދެވޭ ކާނާއަކީ އިންޑިއާގެ ކާނާ ކަމަށެވެ. އަދި ޔުނިވަރސިޓީގެ އަހަރުތަކުގައި އޭނާ ބޮމްބޭ ރެސްޓޯރެންޓުން ފަރިއްކުޅުއްވަން އުޅުއްވި ކަމަށް ލިޔުއްވިއެވެ.
ކޯވިޑްގައި އިންޑިއާ މީހުން އިނގިރެސި ސިއްޙީ ނިޒާމަށް ކުރި ޚިދުމަތާއި އަދި އިންޑިއާގެ ކޯވިޑްގެ ދެވަނަ ރާޅުގައި އިންޑިއާ ދަރިކޮޅުގެ މީހުން ދިން ޚިދުމަތްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޑިޕްލޮމެސީގައި އިންޑިއާގެ މީހުންގެ ޙިއްސާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިނގިރޭސި ޚާރިޖީ އޮފީހުގައި އެންމެ އިސް ދެ ޑިޕްލޮމެޓުންނަކީ އިންޑިއާ ދަރިކޮޅުގެ ދެ ބޭފުޅުން ކަމަށާއި އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު މަޝްވަރާ ކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ލީޑް ކުރައްވަނީވެސް އިންޑިއާ ދަރިކޮޅުގެ ބޭފުޅެއްކަމަށް ފާހަގަ ކުރެއްވިއެވެ. އަދި އިނގިރޭސި ފޮރިން އޮފީހުގައި ދެކުނު އޭޝިއާ ގުޅުން ބަލަހައްޓަވާ ލޯޑް އަޙުމަދަކީވެސް އިންޑިއާ ދަރިކޮޅުގެ ބޭފުޅެއްކަން ފާހަގަ ކުރެއްވިއެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅޭ އިންޑިއާ މީހުންނަނީ އާބާދީގައި އެންމެ ތައުލީމީ މީހުން ކަމުގައި ވިދާޅުވެ އެމީހުންނަކީ އެންމެ މަތިން އާމްދަނީ ހޯދާ ބައެއްކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.