ރާއްޖޭގެ އެކި ޒަމާންތަކުގައި ކޮށްފައިވާ އިންސާނިއްޔަތާއި ޚިލާފް އަމަލުތައް ބެލޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އިންތިޤާލީ އިންސާފުގެ ބިލު ކޮމިޓީން ފާސްކޮށް ތަޅުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރި މި ބިލަކީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018އާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ހުށަހެޅި ބިލެކެވެ.
ސަރުކާރުގެ ފަރާތުން މިބިލު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދެވެ.
މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ފަހު، ކޮމިޓީން ނިންމާފައިވަނީ ރާއްޖޭގެ އެކި ޒަމާންތަކުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގގެ ގެއްލުން ލިބިފައިވާ އެތައް ބަޔަކު ތިބިއިރު، މިފަދަ ބިލެއް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަތަށް އަންނައިރު އެފަދަ އަނިޔާ ލިބުނު އެންމެނަށް އިންސާފު ލިބެންޖެހޭ ކަމަށް ޤަބޫލު ކުރާކަމަށެވެ.
ކޮމެޓީން ވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށް ބިލު އިސްލާހުކޮށްފައެވެ.
މިގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސްވެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެގޮތަށް ބިލަށް ވަނީ ބަދަލު ގެނެސްފައެވެ.
މިޤާނޫނުގެ ދަށުން އިންސާފު ލިބިދިނުމަށް މައްސަލަތައް ހުށަހަޅަން ޚާއްސަ އޮފީހެއް ޤާއިމްކުރަންޖެހޭކަމަށް މިބިލުގައި ބުނެފައިވެއެވެ. އަދި މި އޮފީސް އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ.
އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރާ ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާއި ގުޅިގެން އައު ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލައި ތަޙުޤީގު ކުރުމުގެ ބާރުވެސް މިޤާނޫނުގެ ދަށުން "އޮމްބަޑްސްމަން" އޮފީހަށް ލިބިގެންދާނެއެވެ.