ރެއާލް މެޑްރިޑުގެ މުހިއްމު ޑިފެންސިވް މިޑްފީލްޑަރު ބްރެޒިލްގެ ކެސެމީރޯ އެކްލަބް ދޫކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވެއްޖެ ކަމަށް "މެންޗެސްޓަރ އީވްނިންގ ނިއުސް" އިން ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ހުށަހެޅި ހުށަހެޅުމަށް ކެސީމީރޯ އެއްބަސްވެފައިވާއިރު، މިސީޒަނުގައި ލީގުގައި ކުޅުނު ފުރަތަމަ ދެމެޗުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑް ވަރަށް ބޮޑަށް ޕްރެޝަރަށް ވެެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ކެސެމީރޯ،30، ގަތުމަށް ޔުނައިޓެޑުން ރެއާލްއަށް ހުށަހަޅާފައި ވަނީ 60 މިލިޔަން ޔޫރޯއެވެ. ރެއާލްއިން ވަނީ ޓީމުގެ މިޑްފީލްޑް ވަރުގަދަ ކަމަށްޓަކައި މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ފްރާންސްގެ އުއްމީދީ މިޑްފީލްޑަރު އައުރެލިއެން ޗޯއުމެނީ 80 މިލިޔަން ޔޫރޯގެ ފީއަކަށް އެކްލަބަށް ގެނެސްފައެވެ.

ޔުނައިޓެޑުން ކެސެމީރޯ ގަތުމަށް މަސައްކަތް ފެށީ، މިފަހަރުގެ ޓްރާންސްފާ މާކެޓް ފެށުނީއްސުރެ އެކްލަބުން ފާރަލަމުން ދިޔަ ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ހޮލެންޑުގެ ފްރޭންކީ ޑިޔޯންގ ގަތުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.