ޔޫކްރޭން އާއި ރަޝިޔާގެ ހަނގުރާމައިގެ ތެރޭގައި އިނގިރޭސިވިލާތުން ގެންދަނީ ވޮލޮޑިމިރް ޒެލެންސްކީ އާއި އޭނާގެ ސިފައިންނަށް ހަތިޔާރާއި ވަޒަންތައް ފޯރުވައި ދެމުންނެވެ. އިނގިރޭސިވިލާތުން ޔޫކްރޭނަށް ދިން އަސްކަރީ އެހީ މިހާތަނަށް 2.8 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.
މި ހަތިޔާރު ފޯރުކޮށްދިނުމަށް ސިއްރު އަސްކަރީ މަގެއް ހުޅުވިފައިވާ ކަމަށް ބެލެވޭއިރު އޭގައި ޕާކިސްތާން ވެސް ހިމެނެ އެވެ.
މި ސަޕްލައި ޗެއިންގައި ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭ އިރު މި ދެގައުމުގައި ހަތިޔާރު އޭގެ ދަތުރުގައި މަޑު ކުރެއެވެ. މި ވާހަކަ ހާމަވެފައި ވަނީ ޕާކިސްތާން ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ އިނގިރޭސިވިލާތަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ. އޭނާ ދެން ވަޑައި ގަންނަވާނީ އެމެރިކާއަށެވެ.
'ދަ އިންޓެލް ކޮންސޯޓިއަމް' ގެ ނަމުގައި ޓްވިޓާ ހެންޑްލްއަކުން ދާދި ފަހުން އޮޕަން ސޯސް އިންޓެލިޖެންސް ބޭނުންކޮށްގެން ޓްވީޓް ތެރެޑެއް ޝާއިއުކުރިއިރު، އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސް އިން މި ތިން ގައުމު މެދުވެރިކޮށް ޔުކްރެއިން އަށް ހަތިޔާރު ސަޕްލައި ކޮށްދިންކަން ހާމަވެއެވެ.
މިހާރު މި ތްރެޑް ވަނީ ގެއްލިފައެވެ. ނަމަވެސް މީގެ ސްކްރީން ޝޮޓްތައް ލިބެން އެބަހުއްޓެވެ.
ޓުއިޓާ ރިޕޯޓް ބުނާ ގޮތުން ޕާކިސްތާނުގެ ރަވަލްޕިންޑީގައި ހުންނަ ނޫރް ޚާން އެއާ ބޭސް ބޭނުންކޮށްގެން އިނގިރޭސި އެއަރފޯސްގެ ބޯޓުތައް ރޫމިނިއާގެ އަވްރަމް އިއަންކު ކްލޫޖް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރެއެވެ.
ފްލައިޓް ޓްރެކިން ސޮފްޓްވެއާ އިން ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޮގަސްޓް 6 އިން އޮގަސްޓް 15 އަށް މި ރޫޓުގައި ކޮންމެ ދުވަހަކު އިނގިރޭސި އެއަރފޯސްގެ މަތިންދާބޯޓު ދަތުރުތައް ކުރި އެވެ.