އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަކީ ޑެފިސިޓް ބޮޑު ބަޖެޓެއް ނަމަވެސް, އުއްމީދީ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
ބަޖެޓު ދިރާސާކޮށް، އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މެންބަރުން ވަނީ ކޮމިޓީން ގެނެސްފައިވާ ބަދަލުތަކަށް ތާއީދު ކުރައްވާ، މިއީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ބަޖެޓެއްކަން ފާހަގަކުރައްވާ، މެންބަރުން ވަނީ ރަނގަޅަށް ތަންފީޒު ކުރެއްވިއްޖެނަމަ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އެކަން ފާހަގަކުރައްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބައެއް ފަރާތްތަކުން ޑެފިސިޓް ކުޑަކުރުމަށް ގޮވާލި ނަމަވެސް އެއީ މި ހާލަތުގައި ތާއީދު ކުރެވޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ އަންނަ އަހަރު އެކަށިގެންވާ މިންވަރަކަށް ބަޖެޓު ތަންފީޒު ކުރެވިއްޖެ ނަމަ، އިންފްލޭޝަން ރޭޓު ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ޑެފިސިޓް ބޮޑު ނަމަވެސް، މިއީ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ބަޖެޓެއް ކަމަށެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވީ ގައުމުގެ އިގްތިސާދު އާރާސްތުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެކު އަންނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް ރަނގަޅު ބަދަލުތަކެއް އައިސް، އާމްދަނީ އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ވަނީ ސަރުކާރުން ހުށައެޅި އަދަދަށް 200 މިލިއަން އިތުރުކޮށް 34.92 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއާއެކު މިހާރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެވެނީ 12.3 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިންނެވެ.