އިންޑިއާ އާއި ޕާކިސްތާނުން ވެސް މިނިވަންކަމުގެ 75 އަހަރު އެކުއެކީގައި ފާހަގަކުރި ނަމަވެސް ދެ ގައުމުވެސް ތަރައްގީވެފައިވަނީ ވަރަށް ތަފާތު ދެ ގޮތަކަށެވެ. އިންޑިއާގައި ޑިމޮކްރަސީ ކުރިއަރަމުން ދިޔައިރު، ޕާކިސްތާނަށް މިނިވަންވި ފަހުން މަދަނީ ވެރިކަމާއި އަސްކަރީ ވެރިކަމުގެ މައްސުނިކަމަކާ ލައިގަތެވެ.

އިޤްތިޞާދީ ދާއިރާއާއި ސިޔާސީ މައިދާނާއި ތަރައްޤީގެ ގޮތުން އިންޑިއާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދި ނަމަވެސް އެއާ ޚިލާފަށް ޕާކިސްތާނުގައި އެ ދާއިރާއިން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ޕާކިސްތާނުން 75 އަހަރުގެ ވުޖޫދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހޭދަކުރީ އަސްކަރީ ވެރިކަމުގެ ނިވަލުގައެވެ. އަދި ޕާކިސްތާނުގެ އެއްވެސް އިންތިހާބީ ބޮޑުވަޒީރަކަށް ވެރިކަމުގެ ދައުރު ފުރިހަމަކުރުމަށް ފުރުސަތެއް ލިބިފައެއް ނުވެއެވެ.

އިންޑިއާ އާއި ޕާކިސްތާނަށް ވެސް އިނގިރޭސި އިސްތިއުމާރީ ވެރިކަމުން މިނިވަންކަން ލިބުނީ 1947 ވަނަ އަހަރު އެވެ.

ޔޫރަޕިއަން ފައުންޑޭޝަން ފޯ ސައުތު އޭޝިއަން ސްޓަޑީޒް (އީއެފްއެސްއޭއެސް) އިން ބުނާ ގޮތުގައި ތާރީޚް ލިޔުންތެރިޔާ ވިލިއަމް ޑަލްރިމްޕްލް ފާހަގަކުރެއްވި ގޮތުގައި އިންޑިއާ ޕާކިސްތާން ވަކިވުމުން 15 މިލިއަން މީހުން ގެދޮރު ގެއްލި، މިލިއަނަކަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ. އަދި އެއަށްފަހު މަޒުހަބީ ހަމަނުޖެހުމެއް އުފެދިގެން ދިޔައެވެ.

1947 ވަނަ އަހަރު އިނގިރޭސިން އިންޑިއާ ދޫކޮށް ދިޔައިރު އިންޑިއާގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ އެންމެ 12 ޕަސެންޓެވެ. އަދި އެވަރެޖު ކޮށް ދުނިޔޭގައި ހުންނަ އުމުރަކީ އެއިރު 30 އަހަރެވެ.

ފަޤީރުކަމާއި، ބަލިމަޑުކަމާއި، ބަނޑަށް ޖެހުން އާންމެވެ. އިންޑިއާގެ ސިނާއީ އަދި ޓެކްނޮލޮޖީގެ ބިންގާ އެއްގޮތަކަށް ނެތޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. ބައެއް ތާރީޚް ލިޔުންތެރިން ވަނީ އިންޑިއާ ޤައުމެއްގެ ގޮތުގައި ދެމި ނުހުންނާނެ ކަމަށް ވެސް އެއިރު ލަފާކޮށްފައެވެ.

ނަމަވެސް އެމެރިކާގެ ބްރައުން ޔުނިވާސިޓީގެ ފެކަލްޓީއެއް ކަމަށްވާ އުސްމާން ލަޝަރީ ފާހަގަކުރެއްވި ގޮތުގައި، 2022 ވަނަ އަހަރަށް ފާސްޓް ފޯވާޑް ކޮށްލާއިރު، ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އިންޑިއާގައި 77 ޕަސެންޓަށް ވުރެން ގިނައެވެ. އަދި އުމުރު ވެސް 70 އަހަރަށް ދިގު ވެފައި ވެއެވެ.

އަދި އިންސާނީ ތަރައްގީގެ އެހެން އިންޑެކްސްތައް ޕާކިސްތާނާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފައި ވެއެވެ.

މީގެ އިތުރުން އިންޑިއާއަކީ ދިރުމެއް ހުރި މުސްތަގްބަލެއް އޮތް އަދި ޒަމާނީ ޓެކްނޮލޮޖީއާއި ސިނާއީ އަސާސެއް ތަރައްގީކޮށްފައިވާ އަދި މިހާރުވެސް ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ ބާރެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުންވެސް، މިނިވަން ވިއިރު އިންޑިއާގެ ޖީޑީޕީއަކީ ދުނިޔޭގެ ޖުމްލަ ޖީޑީޕީގެ އެންމެ 3 އިންސައްތައެވެ. ފާސްޓް ފޯވާޑް ކޮށް 75 އަހަރު ފަހުން މިފެންނަނީ އިންޑިއާ ފަގީރު ގައުމަކުން ތަރައްގީވަމުން އަންނަ ދުނިޔޭގެ ބާރަކަށް ބަދަލުވެ 3 ޓްރިލިއަން ޑޮލަރުގެ އިގްތިސާދަކަށް ވެފައިވާ ތަނެވެ. އަދި އޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދަށް ވެފައިވާ ތަނެވެ.

1990 ގައި އިންޑިއާއިން ގެނައި އިގްތިސާދީ ތާރީޚީ އިސްލާހުތަކުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބި، ދިހަވަރަކަށް އަހަރު ވަންދެން އިގްތިސާދުގައި އަޅުވާފައި އޮތް ސޯޝަލިސްޓް ކޮންޓްރޯލް ނައްތާލައި، ގައުމުގެ ފާހަގަކޮށްލެވޭ ބާރު މިނެއްގައި ކުރިއަރައިގެން ދިޔައެވެ.

އިންޑިއާގެ ޒުވާނުން މަތީ ހުނަރުވެރި ދާއިރާތައް ކުރިއަރާފައިވާއިރު، އެތައް މިލިއަން ބަޔަކު ވަނީ ފަގީރުކަމުން ސަލާމަތްވެ، ކުރިއަރަމުން އަންނަ، އުންމީދީ މެދުފަންތީގެ ދަރަޖައަކަށް ވާސިލުވެފައެވެ. ސޮފްޓްވެއާ އާއި ވެކްސިން އެކްސްޕޯޓްކުރުމުގައި އިންޑިއާއިން އިސްކޮށް ހަރަކާތްތެރި ވަމުންދާއިރު އިންޑިއާގެ ޖުމުލަ އެކްސްޕޯޓް ވެސް ވަނީ ކުރިއަރާފައެވެ. މެންހަޓަންވިލް ކޮލެޖުގެ އިކޮނޮމިކްސްގެ ޕްރޮފެސަރެއް ކަމަށްވާ ނިމިޝް އާދިޔާ ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ މި ކުރިއެރުމަކީ އާދަޔާ ހިލާފު ކަމެކެވެ. އިންޑިއާ ފަދަ ފަގީރު ގައުމަކަށް މިފަދަ ދާއިރާތަކުން ކާމިޔާބު ލިބޭނެ ކަމަށް އުންމީދު ނުކުރެވެއެވެ.

އިންޑިއާގެ ބާނީން ތަޞައްވުރު ކުރެއްވީ އަލަށް މިނިވަންވި ޤައުމަކީ ސެކިއުލަރ މަލްޓިކަލްޗަރަލް ދައުލަތެއްގެ ގޮތުގައި ބާއްވަން ކަމަށާއި އެބޭފުޅުންގެ މި ނިންމުމަކީ އިންޑިއާގެ ޚުދުމުޚުތާރު އަވަށްޓެރި ޗައިނާއަށް ޑިމޮކްރެޓިކް ގޮތުން ކުރިމަތިލައި ރައްދެއް ދިނުމުގެ ގޮތުގައި އިންޑިއާ ސާބިތު ކޮށްދިނުމަށް ކުރެއްވި މަސައްކަތެކެވެ.

އިންޑިއާ މިނިވަންވި ފަހުން މިނިވަން އިންތިޚާބެއް ބާއްވައި، ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކޮށްފައިވާއިރު، މިނިވަން ޝަރުއީ ނިޒާމަކާއި މިނިވަން މީޑިއާގެ މާހައުލެއް އިންޑިއާއިން ފެނެއެވެ.

މިނިވަންވި ފަހުން އިންޑިއާއިން ބައެއް ފަހަރު މަޒުހަބީ ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެގައުމުގެ ގިނަ ސަގާފަތްތަކާ މެދު ރައްޔިތުން ފަޚުރުވެރިވެއެވެ.

ޕާކިސްތާނުގެ ސިޔާސީ އިގްތިސާދީ މާހިރު ނިޔާޒް މުރުތަޒާ ޕާކިސްތާނުގެ ދުވަހު ނޫހެއް ކަމަށްވާ ޑޯންގައި ލިޔުއްވާފައިވާ ގޮތުގައި، މިނިވަން ލިބުނުތާ މާގިނަ ދުވަހެއް ނުވެ ޕާކިސްތާނަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީއަކީ އެގައުމުގެ ބާނީ ޖިނާ އަވަހާރަވުމެވެ.

ޖިނާހު އަވަހާރަވުމުގެ ސަބަބުން 1947 ވަނަ އަހަރަށް ފަހު ޕާކިސްތާނުން ކުރިއަށް ދިޔަ މަގު ވަރަށް ބޮޑަށް ބައްޓަން ކުރެވުނެވެ. ބޭރުގެ އިއްތިހާދުތަކާއި އެހީތައް ހޯދަމުން ދިޔައީ ހީވާގިކަމާއެކުގައެވެ. ޕާކިސްތާނުން ސަރުކާރު ވައްޓާލައި ބަޣާވާތް ކުރިއިރު، ގައުމުގެ ކަންތައްތައް ދިޔައީ އިތުރަށް ގޯސްވެގެންނެވެ. ޕާކިސްތާނުގެ ބިމުގެ ދެބައިކުޅަ އެއްބައި 1971 ވަނަ އަހަރު ގެއްލުނުއިރު، ދުވަހަކުވެސް ޑިމޮކްރެޓިކް ގޮތެއްގައި އިންތިޚާބުވެފައިވާ ސްޓޭބަލް ސަރުކާރެއް ޕާކިސްތާންގައި ގާއިމް ކުރެވިފައެއް ނެތެވެ. ޕާކިސްތާނުގައި އިންތިޚާބުތައް އޮތް ނަމަވެސް، ދުވަހަކުވެސް ހަގީގަތުގައި ޑިމޮކްރަސީއެއް ޕާކިސްތާނުގައި ފެނިފައި ނެތެވެ. އިޤްތިޞާދީ ޑިމޮކްރަސީއަކީ އަވާ މެންދުރެކެވެ.

ޕާކިސްތާންގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮތީ އެ ދުވަސްވަރު ޕާކިސްތާނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ކާކުތޯ ބެލުމުގައެވެ. ޕާކިސްތާންގެ ފާހަގަކޮށްލެވޭ ހަމައެކަނި ކާމިޔާބީއަކީ ޕާކިސްތާން ނިއުކްލިއާ ދައުލަތަކަށް ވުމެވެ.

އެހެންނަމަވެސް ޕާކިސްތާނަށް އެއްވެސް އަސްކަރީ ނުވަތަ ސައިންޓިފިކް ކާމިޔާބީއެއް އެގައުމުގެ މަދަނީ މުޖުތަމައުގެ ތެރެއަށް ވެއްދިފައެއް ނުވެއެވެ. ނުވަތަ އިގްތިސާދީ ފައިދާތަކަށް ވިޔަފާރި އުސޫލުން އެކަން ކުރުމުގައި ކާމިޔާބީއެއް ނުލިބުނެވެ.

ޑިމޮކްރެޓިކް އުސޫލުތަކާއި ގާނޫނުގެ ހަމަތައް ނެތުމާއި، އެތެރޭގެ ނުވަތަ ބޭރުގެ ބާރުތަކުން ތަކުރާރުކޮށް ތަދައްޚުލުވުމުގެ ސަބަބުން، ޕާކިސްތާނުގައި އެއްވެސް މުއައްސަސާއެއް ތަރައްގީވެ ކުރިއަރައި ގަނެވިފައެއް ނުވެއެވެ. ދުނިޔޭގެ އެއްވެސް އުސްމިނަކަށް ދެވިފައެއް ނުވާކަމަށް މުރުތަޒާ ލިޔުއްވައެވެ.

އޭނާ ލިޔުއްވި ގޮތުގައި ޕާކިސްތާނަކީ އެންމެ ކުޑަ ކޮށް ޓެކްސް ނަގާ ގައުމެވެ. އެހެންކަމުން ސަރުކާރަށް އާމްދަނީގެ ދަތިކަން ދިގުދެމިގެންދާއިރު، ގައުމަށް ކުރިމަތިވެފައިވަނީ ބޭރު ފައިސާގެ ދިގުދެމިގެންދާ ދަތިކަމެއްކަމަށް އޭނާ ލިޔުއްވިއވެ.