ފުރަތަމަ ހާފުގައި ނާއިޒް ހަސަން (ދާދު) އާއި ހަމްޒާ މުހައްމަދު (ހަމްޕް) ކާމިޔާބު ކުރި ދެލަނޑުން ކްލަބު ވެލެންސިޔާ 0-2 އިން ބަލިކޮށް މާޒިޔާއިން އެފްއޭ ކަޕުގެ ޗެމްޕިއަންކަން ރޭ ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މެޗް ފަށައިގެންްވެސް ނުރައްކާތެރި ހަމަލާތައް އުފެއްދީ މާޒިޔާއިންނެވެ. ރާއްޖޭ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ކުޅެމުންދާ މާޒިޔާއިން ލީޑް ނެގީ 14 ވަނަ މިނެޓުގައި ދާދު އޭރިޔާގެ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ 16 މިނެޓް ފަހުން ދެވަނަ ލަނޑު ހަމްޕް ކާމިޔާބު ކުރީ ވެލެންސިޔާގެ ތަޖުރިބާކާރު ޑިފެންޑަރު ހަނީފް (ބެންޖޯ) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ.
މާޒިޔާއާ އަޅާބަލާއިރު ސްކޮޑުގެ ގޮތުން ބަލިކަށި ވެލެންސިޔާއިން ވަނީ ދެވަނަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިގޮތުން ހުނަރުވެރި މިޑްފީލްޑަރު މިދްހަތު އަބްދުﷲ (ބިޗަޑް) ބޮލުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ދަނޑިމަތިންނެވެ. ވެލެންސިޔާއިން މެޗް ނިންމާލަން ޖެހުނީ އައްސަދު އަލީ (އަޑުބަރޭ) އަށް ދެއްކި ރަތްކާޑުގެ ސަބަބުން އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
މިއީ މާޒިޔާ އާއި ވެލެންސިޔާ މިސީޒަނުގައި ބައްދަލު ކުރި ދެވަނަ ފައިނަލެވެ. މިއަހަރު ކުރީކޮޅު ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މާޒިޔާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވެލެންސިޔާއެވެ. އަނެއްކޮޅުން ރޭ ކާމިޔާބު ކުރި ތައްޓާއެކު މިސީޒަނުގައި މާޒިޔާއިން ވަނީ 3 ތަށި ކާމިޔާބު ކޮށްފައެވެ.