ރާއްޖެ އަމާޒު ހިފާފައިވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ކަމަށް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. ހުސެއިން މިހެން ވިދާޅުވީ، މި މަހުގެ 26 އިން 28 އަށް ކުރިއަށް ގެންދިޔަ ތިން ވަނަ ބައިނަލްއަޤްވާމީ ރިނިއުވަބަލް އެނަރޖީ އިންވެސްޓަރސް މީޓް އެންޑް އެކްސްޕޯގައި، ރާއްޖެއަށް ޚާއްސަކޮށްފައިވާ ސެޝަން ފައްޓަވައިދެއްވައި ވާހަކަދައްކަވަމުންނެ އެވެ.

ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރެވި ސަރުކާރުން ތައްޔާރުކުރަންޖެހޭ ޤަވާއިދުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭންތައް ތައްޔާރުކުރެވިފައިވާ ކަމަށާއި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ޖެހޭ މުޙިންމު ލަނޑުދަނޑިތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭގެތެރޭގައި ނެޓް މީޓަރިންގެ ޤަވާއިދަށް ގެނެވުނު އިސްލާހާއި ހަކަތަ އަދި ޔޫޓިލިޓި ރެގިއުލޭޓްރީ އޮތޯރިޓީގެ ބިލް މަޖިލީހުންވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ގުޅޭ މަގުޗާޓު އެކުލަވައިލުމުގެ މަސައްކަތް ނިމުމާއި ކައިރިވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުތަކަށް އަލިއަޅުވައިލައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. ހުސެއިން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު، ހުޅުލެ – ހުޅުމާލެ ގުޅޭ ލިންކް ރޯޑުގައި 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށާއި މި ޕްރޮޖެކްޓަށް މީގެ ކުރިން ލިބިފައިވާ ޓެރިފް ރޭޓާއި އަޅާބަލާއިރު ހެޔޮ އަގެއް ލިބިފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ. ސޯލަރ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަ އަގު 25 ޔޫއެސް ސެންޓުން 10.09 ސެންޓަށް ވަނީ 5 މެގަވޮޓް ސޯލަރ ޕްރޮޖެކްޓާއި އާއި އެކު ތިރިވެފައެވެ.

ރިނިއުބަލް އެނަރޖީ އިންވެސްޓަރސް މީޓް އެންޑް އެކްސްޕޯގައި ދިވެހިރާއްޖޭގެ ވަރޗުއަލް ސްޓޯލެއްވެސް ވަނީ ޤާއިމްކޮށްފައެވެ. މި ސްޓޯލް އިން ރާއްޖެއިން މިހާރު އިއާއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރިއަށްގެންދާ މުޙިއްމު މަޝްރޫޢުތަކުގެ މައުލޫމާތުތައް ލިބެން ހުންނާނެއެވެ.

މި ސެޝަންގައި މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް ނިއު އެންޑް ރިނިއުބަލް އެނަރޖީ ރާޖް ކުމާރު ސިންގް، ވޯލްޑް ބެންކްގެ ރީޖަނަލް ޑިރެކްޓަރ ގްއާންޒޭ ޗެން، ވޯލްޑް ބޭންކްގެ ދިވެހިރާއްޖެ، ސްރީލަންކާ އަދި ނޭޕާލްގެ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދީދް ޒެރްވޯސްގެ، ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާގެ އިތުރުން ވޯލްޑްބޭންކާއި އިންޓަނޭޝަނަލް ސޯލާރ އެލަޔަންސް އަދި އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.