ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މަޑުމަޑުން ކުލަޖެހެން ފަށައިފި ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުގައި މަޑުމަޑުން ކުލަޖެހެމުން އަންނައިރު އޭގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކަނީ ކާކުތޯ ސުވާލު ކުރައްވައިފައެވެ. އެމަނިކުފާނު އެސުވާލު ރައްޔިތުންނާ އެ ކުރެއްވީ ޚުދު އޭގެ ޖަވާބު އެމަނިކުފާނަށް ވެސް އެނގިވަޑައި ނުގަންނަވާތީއެވެ. "2023 ގެ މަންޒަރުގައި މަޑުމަޑުން ކުލަޖެހެން ފެށީއެވެ. އެކި ޕާޓީތަކުން ވިއްކަނީ އެކިއެއްޗެހިކަން ރައްޔިތުންނަށް އެނގެއެވެ. އެންމެގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކެނީ ކޮން ޕާޓީއަކުން ކޮން ކެންޑިޑޭޓަކު ހެއްޔެވެ؟" އެ މަނިކުފާނުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީއަކީ މިހާރު ހިނގަމުން މިދާ ސަރުކާރުގެ ކޯލިޝަންގެ އިސް ޕާޓީއެކެވެ. މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީކަމަށްވާ އެމްޑީޕީގެ ކޮންގްރެސް ރޭ ނިމިފައިވަނިކޮށްނެވެ. އެމްޑީޕީގެ ތެރެއިން ރޭ ވެސް ފެނިގެންދިޔައީ ޑިމޮކްރަސީގެ ނަމޫނާއެކެވެ. މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރެވޭނޭ ކަމުގެ ހެއްކެވެ. އެމްޑީޕީގެ ކޮންގްރެސް އިން އެންމެ ބޮޑަށް ފާހަގަ ކުރެއްވިފައިވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީއަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވަން އުޅުއްވި ގަރާރު މިވަގުތަށް މަޑުޖެއްސެވި ޖެއްސެވުމެވެ. އެކަން ކުރައްވަން މަޝްވަރާ ކުރައްވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.