ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް އޭނާ ހައްޔަރު ކުރުމަށް ފުުލުހުން ނިންމައިފިއެވެ. އޭނާގެ ވަކީލުން މަސައްކަތް ކުރައްވަނީ ކަފާލާތުގެ ދަށުން އިސްލާމްއާބާދު ހައިކޯޓުން އޭނާ މިނިވަން ކުރުމަށް އަމުރެއް ދޭތޯއެވެ.
އޭނާ ގެންދަވަނީ ސިފައިންނާއި ކޮއެލިޝަން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.
އިމްރާން ޚާނާހަމައަށް ގާނޫނުގެ ދިގުއަތް ފޯރާފައި ވަނީ އެއްވުމެއްގައި ތަގުރީރު ކުރައްވަމުން އޭނާގެ ޗީފް އޮފް ސްޓާފް ހައްޔަރުކުރި މައްސަލައިގައި ފުލުހުންގެ އިސް އޮފިޝަލުންނާއި އަންހެން ފަނޑިޔާރަކަށް އޭނާ އިންޒާރު ދެއްވިތާ އެއް ދުވަސް ފަހުންނެވެ. ފުލުހުން ނެރުނު ދައުވާގެ ރިޕޯޓު ބިނާ ކޮށްފައި ވަނީ ޚާން އެ އޮފިޝަލުންނަށް އިންޒާރު ދެއވި ވާހަކަތަކުގެ މައްޗަށެވެ.
"އިމްރާން ޚާން ދެއްވި އިންޒާރުތަކުގެ ސަބަބުން ފުލުހުންނާއި ޝަރުއީ ދާއިރާ އަދި
އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި އެކަމުގެ ސަބަބުން ގައުމުގެ އަމާންކަން ނަގާލެވުނު" ފުލހުންގެ ދައުވާ ރިޕޯޓްގައި ލިޔެފައިވެ އެވެ.
އޭޕްރީލް މަހު ޚާން ވެރިކަމުން ދުރުކުރި ފަހުން އޭނާ ވަނީ ސަރުކާރަށް ޖއްސުން ކުރެއްވުމަށް ހަލަބޮލި ޖަލްސާތަކެއް ބާއްވަވާފައެވެ. އަދި ބޭނުން ނަމަ ރައްޔިތުން މަގުމައްޗަށް ނެރެވިދާނެ ކަމަށްވެސް އޭނާ އިންޒާރު ކުރެއްވިއެވެ. އޭނާއާއި ސަޕޯޓަރުނ ވަނީ ސިފައިންނަށްވެސް ފުރައސާރަ ކޮށްފައެވެ.
ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާން ވަނީ އޭނާގެ ޕާޓީގެ ސިޔާސީ އަސާސް ދަމަހައްޓައި ލޯކަލް އިންތިޚާބުތަކުގައި ވެސް އޭނާގެ މަގްބޫލުކަން ދައްކަވާފައެވެ.
އެއާ ހިލާފަށް ޚާންގެ ބަދަލުގައި ވަޑައިގެންނެވި ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ކުރިމަތިވެ ވަޑައިގެންފައި ވަނީ އަގުތައް ކޮންޓްރޯލު ކުރުމާއި އިގްތިސާދީ މައްސަލަ ހައލު ކުރުމާއި މީހުންގެ ރުޅިވެރިކަން ކޮންޓރޯލު ކުރެއްވުމުގެ މަސައްކަތެވެ.
ޕާކިސްތާންގެ ދާޚިލީ ވަޒީރު ރާނާ ސަނާއުﷲ ވަނީ އިމްރާން ޚާން ފުލުހުންނާއި ގާޒީއަށް އިންޒާރު ދެއްވުމުން އެކަން ކުށްވެރި ކުރައްވައި އެފަދަ އަމަލުތަކުން މުޖުތަމައުގައި ހަރުކަށިކަން އިތުރު ވާނެ ކަމަށް ވިދާޅުވެ މިކަންކަމުގެ ނޭދެވޭ ނަތީޖާ ޚާން ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެ ޓުއީޓް ކުރައްވާފައެވެ.
ޚާން ހައްޔަރު ކުރަން އުޅޭ ކަމުގެ ޚަބަރު ފެތުރުނުތާ ގަޑިއެއްހާއިރު ފަހުން ޚާންގެ އެތައް ސަތޭކަ ސަޕޯޓަރުންތަކެއް ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އޭނާ ދިރިއުޅޭ ގެ ބޭރަށް އެއްވެ، އޭނާ ހައްޔަރު ކުރުމާ ދެކޮޅަށް މަސައްކަތް ކުރި އެވެ.
ސަޕޯޓަރުން ބުނަފއި ވަނީ އިމްރާން ޚާއް ހައްޔަރު ކުރުމަކީ ރަތް ރޮނގެއް ކަމަށާއި އެހެން ވެއްޖެނަމަ އެކަމުގެ ނެދެވޭ ނަތީޖާއާ ސަރުކާރުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.