ރަޝިޔާއާއި ޔޫކްރޭންގެ ހަމަނުޖެހުންތަކުގައި އިންޑިއާގެ ރައްޔިތުން ކާމިޔާބުކަމާއެކު ހަނގުރާމަވެރި ސަރަހައްދުން ބޭރުކުރި އޮޕަރޭޝަން ގަންގާ ހަނދާންކޮށްދެއްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ އިންޑިއާއަކީ ބޮޑެތި ކަންކަން ކުރުމުގެ ގާބިލްކަން ހުރި ގައުމެއް ކަމަށެވެ.

ބްރެޒިލްގެ ސާއޯ ޕާއުލޯގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިނިވަންކަމުގެ 75 ވަނަ އަހަރު އިންޑިއާއިން ފާހަގަކުރާއިރު، އިންޑިއާގެ މޫޑު ހުރީ ވަރަށް އުންމީދީ ގޮތަކަށް ކަމަށެވެ. އަދި މިއަދުގެ އިންޑިއާއަކީ ބޮޑެތިކަންކަން ކުރުމުގެ ގާބިލްކަން ހުރި އިންޑިއާއެއް ކަމުގައި ވިދާޅުވިއެވެ. ޔޫކްރޭން-ރަޝިޔާގެ ހަމަނުޖެހުންތަކުގައި އިންޑިއާއިން ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު ބޭރުކޮށްދިނީ ރާވައި އިންތިޒާމު ކުރެވިފަޢިވާ މަސައްކަތެއްގެ ތެރޭން ކަމުގައި ވިދާޅުވިއެވެ.

ޖަޔަޝަންކަރު ވާހަކަ ދެއްކެވީ، ސައޯ ޕައުލޯގައި އިންޑިއާގެ ކޮމިއުނިޓީން ބޭއްވި އިވެންޓެއްގައެވެ.

މި ހަރަކާތުގައި ޖައިޝަންކަރު ވިދާޅުވީ ޗައިނާއިން ދެގައުމުގެ ސަރަހައްދުގެ އެއްބަސްވުމަށް އިހުމާލުވި ކަމަށާއި ދެ ގައުމުގެ ގުޅުން ވަރަށް ދަތި މަރުހަލާއެއްގެ ތެރެއިން ވޭތި ކުރަމުންދާ ކަމަށެވެ.

މިއީ ތިން ގައުމަކަށް ޖައިޝަންކަރު ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ފުރަތަމަ ބައިގައި ބްރެޒިލްގެ ސައޯ ޕައުލޯގައި އިންޑިއާގެ ދަރިކޮޅުގެ މީހުންނާ ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ޕެރަގުއޭ އާއި އާޖެންޓީނާއަށް ވެސް ޒިޔާރަތް ކުރައްވާނެ އެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު މިހާރު އޮތް ބޯޑަރު ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ގައުމުތަކާއެކު ބާއްވާ ގުޅުމަކީ އެއްފަރާތުން ބާއްވަން ޖެހެނެ އެއްޗެއް ނޫން ކަމަށެވެ. އަދި ގުޅުން ދެމެހެއްޓުމަށް އެއް ފަރާތުން އަނެއް ފަރާތަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

"ޗައިނާއަކީ އަހަރެމެންގެ އަވަށްޓެރިން. އެންމެންވެސް ބޭނުންވަނީ އަވަށްޓެރިޔާއާ ގުޅިގެން އުޅެން. އަމިއްލަ ދިރިއުޅުމުގައި ވެސް އަދި ގައުމުގެ ހައިސިއްޔަތުންވެސް އެކަން އޮންނަނީ އެހެން. އެކަމަކު އެންމެންވެސް ބޭނުންވަނީ ހަމަހަމަ ޝަރުތުތަކެއްގައި ގުޅިގެން އުޅެން. އަޅުގަނޑުވެސް ތިޔަބޭފުޅުންނަށް އިހުތިރާމް ކުރަން ޖެހޭނެ. އަދި އަޅުގަނޑަށްވެސް އިހުތިރާމް ދޭން ޖެހޭނެ." ޖަޔަޝަންކަރު ވިދާޅުވިއެވެ.