ޗައިނާ ސަރުކާރުން ވާގި ލިބިގެން އޮޕަރޭޓް ކުރާކަމަށް ތުހުމަތު ކުރެވޭ ހެކަރުންގެ ގްރޫޕަކުން ދަނީ ދުނިޔޭގެ ފެންވަރުގައި ސަރުކާރުތަކަށާއި އެންޖީއޯތަކަށާއި މީޑިއާ އިދާރާތަކަށާއި ރިސާޗް އިދާރާތަކަށް ސައިބާ ހަމަލާތައް ދެމުންނެވެ.
'ރެޑްއަލްފާ' ގެ ނަމުން މަޝްހޫރު އެ ގްރޫޕުން ވަނީ އިންޑިއާ ސަރުކާރުގެ އައިޓީ ވިއުގަ ހިންގައި މެނޭޖު ކުރާ އެންއައިސީގެ ލޮގިން ޕޭޖްތަކަށް ތަކުރާރުކޮށް ހަމަލަ ދީފައެވެ. އަދި ހެކަރުން ވަނީ މިދިޔަ އަހަރު އެކަނި ވެސް މަދުވެގެން 350 ވަރަކަށް ޑޮމެއިންއަށް ހަމަލަ ދީފައެވެ.
މި ހެކަރުންގެ ގުރޫޕުން ހަމަލަ ދީފައިވާ ނަން މަޝްހުރު ތަންތާގެ ތެރޭގައި އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް (އެފްއައިޑީއެޗް)، އެމްނެސްޓީ އިންޓަނޭޝަނަލް، މާކެޓަރ އިންސްޓިޓިއުޓް ފޯ ޗައިނާ ސްޓަޑީޒް (މެރިކްސް)، ރޭޑިއޯ ފްރީ އޭޝިއާ (އާރުއެފްއޭ)، އެމެރިކަން އިންސްޓިޓިއުޓް އިން ޓައިވާން (އޭއައިޓީ)، އަދި ދުނިޔޭގެ އެހެން ސަރުކާރާއި، ތިންކް ޓެންކުތައްވެސް ހިމެނެއެވެ.
ސައިބަރ ސެކިއުރިޓީ ކުންފުނި ރެކޯޑްޑް ފިއުޗާގެ ރިޕޯޓެއްގައިވާ ގޮތުން އެ ގްރޫޕުން ވަނީ ޓިބެޓާއި އުއިގޫރު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ފަރުދުންނާއި ޖަމިއްޔާތަކަށާއި ނަސްލީ އަދި ދީނީ މައިނޯރިޓީތަކަށް ސީދާ އަމާޒުކޮށްގެން ހަމަލަ ދީފައެވެ.