ލިވާތު ކުރުމާއި ސިހާގު ކުރުން ޤާނޫނީ ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެންނަން މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވައިފިއެވެ.

އެފަދަ މީހުނަކީ މުޅި މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށާއި އެކަމުގެ އަސަރު ނުވަތަ އެފަދަ މީހެއްގެ ވަސްވާސް، އެމީހާގެ އާއިލާއަށާއި މުޖުތަމައަށް ފޯރާނޭތީ އެފަދަ މީހުން މުޖުތަމައުން އެކަހެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް އިސްލާހުގައި ވިދާޅުވެފައިވެއެވެ.

މިފަދަ ފާހިޝް އަމަލުތައް މުޖުތަމައަށް ފެތުރި އާންމު ވުމުގެ ކުރިން އެކަންކުރާ މީހުން އެކަހެރިކޮށް މުޖުތަމައު ސަލާމަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޤާސިމް މި އިސްލާހު ހުށަހެޅުއްވުމުން ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވަނީ ޤާސިމަށް ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ އިސްލާމް ދީނުގައި ޙަރާމްކޮށްފައިވާ މިފަދަ ބޮޑެތި ކުށްތައް ޢާންމުވިއިރު ޤާސިމް މެން ތިއްބެވީ ސަރުކާރުގައި ކަމަށެވެ.

"ތެދު ނިޔަތެއް އޮތް ނަމަ ބިރަކާނުލައި މަޖާކުރާ ފިކުރާއެކު މިހިސާބަށް ބޮއްސުންލާދިޔައިރު ނުތިބޭނެ. ޤަބޫލް ކުރެވެނީ ކޯލިޝަންގެ ބައިވެރިން ތިޔައީ ސިޔާސީ ސްކޯކުރަން އެކަނި ދައްކާ ވާހަކައެއްކަން،" ޖަމީލް ވިދާޅުވެފައިވެއެވެ.